ނުގަވާއިދުން ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓުކުރުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މިއަދު 81 ބިދޭސީއަކު ހިފަހައްޓައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި މިއަދު 65 ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ އެ އޮޕަރޭޝަންގައި، މާލެއިން މިއަދު 932 ބިދޭސީން ޗެކުކޮށް، 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި 463 ވިޔަފާރިއެއް ޗެކްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓްގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގު ކްރައިމް އަދި މާލެ ޕޮލިސް ކޮމާންޑުން ބައިވެރިވާ ކަމަށެވެ. އެ އޮޕަރޭޝަނަށް އިމިގްރޭޝަން އަދި ފުލުހުންގެ އެކި ބަހާތަކުން ވަމުންދާ އެހީތެރިކަން ފާހަގަކޮށް އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ޝުކުރު އަދާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނުގަވާއިދުން ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓުކުރުމަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ޕްރޮގްރާމެއް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ އެކަން އިއުލާންކުރައްވައިފައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ މި ސަރުކާރުން ކުރަނގި ޕްރޮގްރާމު ފަށައި، ފުރަތަމަ ކޮށްފައިވާނެ ކަމަކީ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ. މިއަދާ ހަމައަށް އޮތް އެންމެ މުހިންމު މަސައްކަތަކީ، ނުގަވާއިދުން ހިންގާ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިކަން ވެސް އެތައް ހަރުފަތެއް މައްޗަށް ޖައްސައި، މާދަމާއިން ފެށިގެން ނޭޝަން ވައިޑްކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި، ހާއްސަކޮށް އާބާދީ ބޮޑެތި ރަށްތަކުގައި މި ދެންނެވިގޮތަށް ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި އެތަންތަން ވަގުތުން ބަންދުކޮށް، އެ ފަރާތްތައް ޑީޕޯޓުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އެބަ ފަށަން. މީގެ ނަތީޖާއަކަށް ވެސް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމަށް އެ އޮންނަ ފުރުސަތުތައް، ހައްގު ފުރުސަތުތައް އަނބުރާ ހޯދައިދިނުން،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރަނގި އޮޕަރޭޝަނުގެ ތެރެއިން 178،982 ބޭރު މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި މީގެ ކުރިން ރާއްޖޭގައި ދެ ލައްކައެއްހާ ބިދޭސީން އުޅޭކަން އެނގިފައިނުވާ ކަމަށެވެ. އަދި އެމީހުންގެ މައުލޫމާތު އެއްކުރުމަށްފަހު ނުގަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"ނުގަވާއިދުން އުޅޭ މީހުން ޑީޕޯޓުކުރަނީ ވެސް ކުރީގައި ނަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8609 މީހުން ޑީޕޯޓު ވެސް ކޮށްފިން، ރާއްޖެއިން ފޮނުވާލައިފިން. މިވެސް ވަރަށް ބޮޑު މަސައްކަތެއް. ބޭރު މީހުންގެ މައްސަލަ މިއީ އެންމެ ބޮޑު އެއް މައްސަލަ. މިކަމުގެ ސަބަބުން އާންމު ދިވެހި ރައްޔިތުން ކުރާ ވިޔަފާރިތަކަށް ވެސް އެބަ ހުރަސްއެޅޭ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ އާންމު ރައްޔިތުންގެ ކުދި ވިޔަފާރިތަކަށް ވެސް ނުގަވާއިދުން ބިދޭސީން ވަންނަމުންދާ ކަމަށާއި މަގުމަތީގައި ތަންތަން ހުޅުވައިގެން ނުގަވާއިދުން އެކިކަހަލަ ގުދަންތައް ހަދައިގެން ބިދޭސީން ވިޔަފާރިކުރަމުންދާ ކަމަށެވެ. އަދި ހާއްސަކޮށް މާލެ އާއި އާބާދީ ބޮޑެތި ތަންތަނުގައި ބިދޭސީން ނުގަވާއިދުން ވިޔަފާރިކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.