ގަަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ދެ ބިދޭސީން، ހުޅުމާލެއިން ފައިސާތަކާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށާއި އެފަދަ މީހުން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް މިހާރު ފަށާފައިވާ ގައުމީ އޮޕަރޭޝަންގެ ތެރެއިންނެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން މި މަހު 22 ވަނަ ދުވަހު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައެވެ. މި އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

އެ ބަލައިފާސްކުރުމުގެ ތެރެއިން، ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ޕެކެޓު ފެނިފައިވެއެވެ. މީގެ އިތުރުން، ސިނގިރެޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝަމިމް މިއާ، ބަންގްލަދޭޝް (37އ) އާއި އަލައުއްދީން، ބަންގްލަދޭޝް (22އ) އެވެ.

މި އޮޕަރޭޝަނުގައި 13 ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުގެ ތިން އޮފިސަރަކާއި މޯލްޑިވްސް ކަސްޓަމް ސާވިސްގެ ތިން އޮފިސަރަކު ބައިވެރިވިއެވެ.

ގާނޫނާ ހިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކަން ފޯރުކޮށްދޭ ދިވެހިން ހޯދައި ފިޔަވަޅު އެޅުމަށް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ހަމަޖެހިފައިވެއެވެ.