ޕާކް ކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން "އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕް" އެއް ވަގަށް ނެގި މީހަކު ޖަލަށް ކުމާއެކު ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ހ. ވައްތީނުގަސްދޮށުގެ، މީފާއު ޝަކީބުގެ ސައިކަލް ނޫރާނީ ހިނގުމުގައި ޕާކް ކޮށްފައި ހުއްޓައި، އެސައިކަލުގެ މަޑިދަށުން މީފާއު ޝަކީބުގެ 47،070 ރުފިޔާގެ އަގުހުރި އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕްއެއް ވަގަށް ނަގާފައިވާތީ ނ. ވެލިދޫ ހިފާޒް އަހްމަދު މާޖިދުގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ.

މި ދައުވާގެ އިބުތިދާއީ މަރުހަލާގައި ދައުވާއަށް އިންކާރުކޮށް، މާޖިދު ބުނެފައިވަނީ ވަކީލަކު ބޭނުން ނޫން ކަމަށާއި އޭނާ ކުރިއަށްދާން ބޭނުންވަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް ދިފާއުގައި ހެތްކެއް ހުށަހަޅާފައެއް ނުވެއެވެ.

ނަމަވެސް ދައުވާގެ ޝަރީއަތުގެ މަރުހަލާގައި ދައުވާއަށް އިއުތިރާފްވެ އޭނާ ބުނެފައި ވަނީ، މަސްތުގެ ހާލަތުގައި ލެޕްޓޮޕް ނަގާފައިވާނެ ކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރުމުން ލެޕްޓޮޕް ވީ ތަނާއި ހުރިހާ އެއްޗެއް ކިޔައިދީފައިވާނެ ކަމަށެވެ. އަދި މިނޫނަސް އިތުރު ވައްކަމުގެ މައްސަލަތައް އޭނާގެ މައްޗަށް ހުށަހެޅި ހިނގަމުންދާ ކަމަށްވެސް ބުނެފައިވެއެެވެ.

އެހެންކަމުން "އެޕަލް ބްރޭންޑްގެ މެކްބުކް ޕްރޯ ލެޕްޓޮޕް" ވަގަށް ނަގާފައިވާކަން މާޖިދުގެ މައްޗަށް ސާބިތު ވެފައިވާތީ ވައްކަން ކުރުމުގެ ކުށުން މާޖިދު ކުސްވެރިވެއްޖެކަމަށް ކަނޑައަޅައި 16 ދުވަހަށް ޖަލަށް ކުމަށާއި، 25،600 ރުފިޔާއިން ޖޫރިމަނާކޮށް އިއްޔެއިން ފެށިގެން ހަތްދުވަހުގެ ތެރޭގައި މި ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

ނަމަވެސް ހުކުމްގެ ކުރީގައި، މި މައްސަލައާގުޅިގެން އޭނާ ބަންދުކޮށްފައި ހުރި މުއްދަތު ކެނޑުމަށްފަހު އޭނާ ތަންފިޒުކުރަންޖެހޭ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.