އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ވާދަވެރި މެޗުގައި އާސެނަލާއި މެންޗެސްޓާ ސިޓީ އެއްވަރުވެއްޖެއެވެ.

އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސިޓީއާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ސީޒަނުގައި ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދާފައިވާ އާސެނަލުން ދެވަނައިގައި އޮތް އިރު، މިވަގުތު އެޓީމާއި އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަސް ޕޮއންޓްގެ ފަރަގެއް އެބައޮތެވެ.

ލިވަޕޫލުން ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހޯދާފައިވާ އިރު، ސިޓީ އޮތީ ނުވަ ވަނައިގައެވެ. އެއީ ސީޒަނުގެ ލީގުގައި ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ.

ފުރަތަމަ ހާފުގައި އާސެނަލަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ކުރީކޮޅުގައި ސިޓީން ލީޑުވެސް ނެގިއެވެ. ރަނގަޅު ފޯމެއްގައި ހުރި އާލިން ހާލަންޑް، އެ ގޯލު ޖެހީ ޓިޖާނީ ރެއިންޑާސްގެ ޕާހަކުން މެޗުގެ ނުވަ ވަނަ މިނެޓުގައެވެ.

އޭގެފަހުން ހާފުގެ ފަހުކޮޅުގައި ސިޓީގެ ޖެރެމީ ޑޮކޫގެ ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވަ އީރު، ދެވަނަ ހާފަށް އާސެނަލް ކުޅުން ރަނގަޅުކުރިއެވެ. ބުކަޔޯ ސަކާއާއި އެެބެރެޗީ އެޒޭ ކުޅެން ނުކުތުމާއެކު އާސެނަލްގެ އެޓޭކް ވަރުގަދަ ވެގެން ދިޔަ ނަމަވެސް އެޓީމަށް ގޯލެއް ޖެހުމަށް އުނދަގޫތައް ކުރިމަތިވިއެވެ.

އެޒޭގެ ބާރު ހަމަލާއެއް ސިޓީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި އިރު، ލެއާންޑްރޯ ޓްރޮސާޑް އަތުންވެސް މުހިއްމު ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ.

އަނެއްކޮޅުން ހާލަންޑް އިތުރު ގޯލެއް ޖެހޭތޯ ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާ އިރު، ބަދަލަކަށް ނުކުތް ގެބްރިއަލް މާޓިނެލީ ގޯލު ޖެހީ އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއިން ކީޕަރު ޑޮނަރޫމާ ބޯމަތިން ބޯޅަ ގޯލަށް ފޮނުވާލައިގެން އާސެނަލުން ވަނީ ޕޮއިންޓެއް ޔަގީން ކޮށްފައެވެ.