ފ. މަގޫދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

މަގޫދޫގައި ހަދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްްމަދު މުއިއްޒު މިހާރު ފ. އަތޮޅުަށް ކުރައްްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މަގޫދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި އެ ރަށު ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

968 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި ކުރިޔަށްގެންދާ މި މަޝްރޫއަކީ 5.34 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަސައްކަތެެކެވެ. އެ މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ފުރާޅާއި ދަވާދުލުމުގެ މަސައްކަތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތް ހިނެމޭކަމަށް އެމްޓީސީސީން ބުންޏެެވެ.

އެމްޓީސީސީން ބުނީ މަގޫދޫގައި ގާއިމުކުރަން ނިންމާފައިވާ ފިޓްނަސް ސެންޓަރުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުންނާއި ސިއްހީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށެވެ.