ފ. ނިލަންދޫ މަގު ހެދުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ނިލަންދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މަސްވެރިކަމަށް މަޝްހޫރު ނިލަންދޫގައި 2500 މީހުންގެ އާބާދީއެއް އޮވެއެވެ. ނިލަންދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ، ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ، މަގުތަކުގައި ޗަކަ ހެދި، ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން ފޯރަމުންދާ މައްސަލައެކެވެ.

އެމްޓީސީސީން ބުނީ ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ނިލަންދޫ ރައްޔިތުންނަށް ބޭނުންކުރުމަށް ލިބިގެންދާނެ ކަމަށެވެ.

ނިލަންދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 115.23 މިލިއަން ރުފިޔާއަށް، 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.