ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި އެންމެން އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ވަނީ، ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހީމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި މައްސަަލަތަކުގައި، ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް ދައުލަތުން އުފުލީ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.

ދައުވާގައި ހުކުމް އިއްވާފައި މިވަނީ، މައްސަލައިގެ އަޑުއެހުމަށް ޝަހީބު ހާޒިރުނުވެގެން މިދިޔަ ހަފުތާގައި ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްގެންނެވެ.

މި މައްސަލައިގައި ޝަހީބު ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރިއެެވެ.