ވ. ފެލިދޫގައި އިމާރާތްކުރާ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފެލިދޫގައި އިމާރާތްކުރާ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލިހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ފެލިދޫ ކައުންސިލުގެ ރައީސް އަދި މެންބަރުންނާއި ސަރުކާރުުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 105.36 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަންދީފައިވަނީ 540 ދުވަހެވެ.

"މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިމުމުން ވ. އަތޮޅުގެ ރައްޔިތިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ. އެގޮތުން ވ. ފެލިދޫއާއި ވ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ބޭސްފަރުވާ ކުރަންދާންޖެހޭ ދަތުރުތައް މަދުވެ، ސިއްހީގޮތުންނާއި މާލީ ގޮތުންވެސް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މި ކުންފުނިން ގަބޫލުކުރަން،" އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 7417 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްކުރުން.
  • 2563 އަކަފޫޓުގެ ސާވިސް ސެންޓަރެއް އިމާރާތްކުރުން.
  • 76،175 އަކަފޫޓުގެ ހެލްތު ސެންޓާ ބްލޮކެއް ގާއިމްކުރުން.
  • މޭޝަނަރީ މަސައްކަތްތަކާއި ތަށިމުށިޖެހުން.
  • ދޮރާއި ކުޑަދޮރުތައް ހަރުކުރުން.