ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗު ދުއްވަން އިނީ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިއާ ކަމަށާއި ފެލިދުއަށް އެމީހުން ގެނައި އިރު، އެންމެން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ހާދިސާ ހިނގި އިރު، ލޯންޗުގައި ހަތް މީހުން ތިއްބެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތަކާއި ރަޝިއާގެ ރައްޔިތެއްގެ އިތުރުން އިންޑިއާއަށް ފަސް ރައްޔިތެކެވެ. އޭގެ ތެރެއިން ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް އަންނަނީ ކުރަމުންނެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "ވަން"އަށް މިރޭ ވިދާޅުވީ އެ ލޯންޗަކީ ރޭމަންޑް ގްރޫޕްގެ ޗެއާމަން ގޯތަމް ސިންހާނިއާގެ ޕްރައިވެޓް ޔޮޓްގެ ލޯންޗެއް ކަމަށާއި އެމީހުން ފެލިދުއަށް ގެނެސްފައިވަނީ ވެސް އެ ޔޮޓްގެ އުޅަނދުތަކެއްގައި ކަމަށެވެ. އަދި އެމީހުން އެ ރަށަށް ގެނައި އިރު، ފަސް މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފެލިދޫ ކައިރިން އެކްސިޑެންޓުވި ލޯންޗު --

އެމީހުން ރަށަށް ގެނައުމާއެކު ސުވާލުކުރުމުން، ލޯންޗު ދުއްވާފައިވަނީ ސިންހާނިއާ ކަމަށް އެ ޔޮޓްގެ ފަޅުވެރިން މައުލޫމާތުދިން ކަމަށާއި އެކްސިޑެންޓުވި ލޯންޗު ފުލުހުން ގެނެސް މިހާރު ބާއްވާފައި އޮތީ ފެލިދޫގެ ފަޅުތެރޭގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެކްސިޑެންޓުގައި ލޯންޗުގައި ތިބި ހުރިހާ މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފުރާފައިވާ ކަމަށް ވެސް ބުންޏެވެ.

އެކްސިޑެންޓު ހިނގި ދުވަހު ލޯންޗުގައި ތިބި އިންޑިއާގެ ފިރިހެނަކާއި، އިނގިރޭސިވިލާތުގެ އަންހެނަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައި ކަމަށާއި އެކްސިޑެންޓުގައި ކަނޑަށް ވެއްޓިފައިވަނީ ރަޝިއާގެ އަންހެން މީހާ އާއި، އިންޑިއާގެ ހަތަރު މީހަކު ކަމަށް ފުލުުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ގޯތަމް ސިންހާނިއާވެސް ހިމެނެއެވެ. ސިންހާނިއާއަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އޭނާ މިހާރު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފައެވެ.