ވ. ފެލިދޫ ކައިރިން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ، ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މީހެއްގެ އަތެއް ބުރިވެފައިވަނިކޮށް، އެ ސަރައްދުގެ ކަނޑުއަޑިން އަތެއް ފެނިއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާކަމުގެ ރިޕޯޓު މިއަދު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ޖުމްލަ ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް އެ ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، 17 ވަނަ ދުވަހުގެ ރޭ 01:15 ހާއިރެވެ.
އެ ލޯންޗަކީ، ރޭސް ޖެހުމާއި ޑްރިފްޓް ކުރުމަށް ހާއްސަ ލޯންޗެކެވެ.
އެނގިފައިވާ ގޮތުގައި އެ ލޯންޗު ބަންޑުން ޖަހާލި ރޭ އެ ލޯންޗު 75 މޭލަށްވެސް ދުއްވިއެވެ.
ފުލުހުން ބުނީ ލޯންޗުގައި ތިބީ، އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ.
އެ ހާދިސާގައި ފަސް މީހަކު ކަނޑަށް ވެއްޓުނުއިރު، އޭގެ ތެރޭގައި ހިމެނުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ނުފެންނަނީ އިންޑިއާގެ ދެ މީހެކެވެ.
ބަންޑުން ޖަހާލި ލޯންޗުން އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިޔާވެސް ދަތުރުކުރިއެވެ. އޭނާއަކީ އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއާމަނެވެ.
އެނގިފައިވާ ގޮތުގައި އެ ލޯންޗު ދުއްވީވެސް އޭނާއެވެ. އަދި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަންވެސް އެނގިފައިވެއެވެ.
ގޯތަމްއަށްވެސް އެ ހާދިސާގައި އަނިޔާވެ ފަރުވާ ދިނެވެ. ނަމަވެސް އޭނާ ވަނީ ފަހުން ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ.
އަލީ ޔާމިން
ވ. ފެލިދޫ
ވ. ފެލިދޫ
ވ. ފެލިދޫ
ވ. ފެލިދޫ