ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ރޭ 5-0 އިން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ރޭގެ މެޗަކީ ވިކްޓްރީން، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. 2019 ވަނަ އަހަރު ސަސްޕެންޝަނާ ކުރިމަތިވި ވިކްޓްރީން ދެވަނަ ޑިވިޝަނަށް ސޮއްސާލާފައިވާ އިރު، 2022 ވަނަ އަހަރު ވިކްޓްރީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، ދެވަނަ ޑިވިޝަނުގެ ފައިނަލަށް ގޮސްގެންނެވެ.
އެފްއޭއެމް ލީގު ކަޕްގައި ބުރާއި ވިކްޓްރީވެސް ކުޅެފައި ނުވާ އިރު، ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗަކީ ދެޓީމުންވެސް 2023 ވަނަ އަހަރަށްފަހު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ކުރީކޮޅުގައި ބުރުން ލީޑު ނަގާފައިވާ އިރު، ނުވަ ވަނަ މިނެޓުގައި ގޯލު ޖެހީ އަބްުދުﷲ ޖުނައިދު (ޖޭއްނެ) އެވެ. ޖޭންނެ ގޯލު ޖެހީ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާ ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އޭގެފަހުން 25 ވަނަ މިނެޓުގައި ހުޑްސަން ޑިއާސް ޑެ ޖީސަސް ޖެހި ގޯލުން ބުރުން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، އޭނާގެ ދެވަނަ ގޯލަކާއެކު ބުރުން ތިން ގޯލުގެ ލީޑެއް ނެގިއެވެ.
މެޗުގައި ހުޑްސަން ހެޓްރިކް ފުރިހަމަ ކުރީ 74 ވަނަ މިނެޓުގައެވެ. އެ ގޯލާއެކު ބުރުން ހަމަޖެހިލި އިރު، ފަހުވަގުތު ފުލުފުލުގައި ދެ ގޯލު ޖަހައި ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. އެ ގޯލުތައް ޖެހީ މުހައްމަދު ނާއިމްއާއި އަޒްހަދު މުހައްމަދު ޒާހިދެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު