ވ. އަތޮޅު ފުލިދޫ ރައްޔިތުން ބޭނުންވާނަމަ އެރަށުން 12 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ވ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފުލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ފުލިދޫގެ އާބާދީއަކީ ގާތްގަނޑަކަށް 500 މީހުން ކަމަށާއި އެ ރަށުން ގޯތި ދޫނުކުރާތާ މިހާރު 15 އަހަރުވެފައިވާ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ރައްޔިތުން ހައްލު ހޯދަން ބޭނުންވާނަމަ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

19 ސެޕްޓެމްބަރު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މިއަދ އެ އަތޮޅު ފުލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

"ބަނދަރާ ގުޅިގެން ދާ ގޮތަށް ރަށަށް 12 ހެކްޓަރުގެ ބިން ހިއްކާނީ. އެކަމަކު ރައްޔިތުންގެ ޔަގީންކަން ބޭނުންވާނެ. ރައްޔިތުން އެކަމަށް ބޭނުންވާނަމަ [ކައުންސިލް މެދުވެރިކޮށް ރައްޔިތުން މިކަމަށް ބޭނުންވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަން އެދެން،" ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް މިރަށުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ ހެއްކެއްގެ ގޮތަށް އެ އޮންނާނެ."

އެ މަނިކުފާނު އެގޮތަށް ވިދާޅުވީ ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ތަރައްގީވެފައިވާ ރަށަކަށްވާތީއެވެ.