ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު އިއްޔެ ހުޅުވައިފިއެވެ.

އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި "ކޮވެލި" ލައުންޖު ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުޖުތަބާ ލަތީފާއި މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށް ވާއިރު، ވީއައިއޭއަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖް "ކޮވެލި" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ-- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓު ތަރައްގީކޮށް، ޒީނަތްތެރިކޮށް، އިގުތިސޯދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރަމުން އަންނަނީ ވަރަށް ގައުމީ، ވަރަށް ބޮޑު ޖިހާދެއް އަދި ބުރަ މަސައްކަތެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ އާ ޓާމިނަލްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ އެ ލައުންޖަކީ 1,230 އަކަމީޓަރުގެ ބޮޑު ތަނެއް ކަމަށެވެ. އަދި އެ ލައުންޖުގައި އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޒަމާނީ ވަސީލަތްތަކާ އެކު، ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވެރޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ލައުންޖުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހުންނާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.