ބައިނަލްއަގުވާމީ މުބާރާތްތައް ލާމަރުކަޒުކޮށް، އަތޮޅު ތެރޭގައި ބޭއްވުމުން އެކަމުން ލިބޭ ފައިދާތައް އިތުރުވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި އިއްޔެ ފެށިގެން ދިޔަ، ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ތައްޔާރުކުރި އެރީނާއަކީ ދުނިޔޭ ފެންވަރުގެ އެރީނާއެއް ކަމަށާއި، އެ ވަސީލަތަކީ މުބާރާތްތައް އަތޮޅު ތެރޭގައި ބޭއްވުމުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނަށް އަބަދަށް ލިބިގެންދާ ބޮޑު ފައިދާއެއް ކަމަށެވެ.
"ރާއްޖޭގައި ބާއްވާ ކޮންމެ މުބާރާތަކުންވެސް ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހުވެ، އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ. ހާއްސަކޮށް ސްޕޯޓްސް ޓޫރިޒަމަށް މިއީ ކުރިއެރުމެއް. އަދި ސަޕޯޓަރުންނަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ހަމަ ލޮލުން ބަލާލަން ފުރުސަތު ލިބޭ. އޭގެ އިތުރުން ކުޅިވަރަށް ރާއްޖެއަށް ޒިޔާރަތްކުރާ މީހުން އިތުރުވެ، އިގުތިސާދީ ނަފާވެސް މުބާރާތްތަކުން ލިބިގެންދާނެ. އޭގެ އިތުރުން ރަށްރަށުގައި ދުނިޔޭ ފެންވަރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާވެސް ގާއިމުވެގެން ދޭ. މިފަހަރު މުބާރާތުގެ އެންމެ މުހިއްމު އެއް ކަމަކީ ސަރުކާރުން ބައިނަލްއަގުވާމީ މުބާރާތްތައް ލާމަރުކަޒީކުރުމަށް ގެންގުޅޭ ސިޔާސަތު. އަހަރެމެން ބޭނުންވަނީ މާލެއިން ބޭރުގައި މިފަަދަ މުބާރާތްތައް ބާއްވާ، ވަސީލަތްތައް ގާއިމުކޮށް، ހަރުދަނާ ކުރަން،" ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމުން ދައްކުވައިދެނީ، ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ދުރު ވިސްނުން ކަމަށާއި، ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުން ރާއްޖޭގެ ކުޅުންތެރިންނަށް އޭގެ ފައިދާ ކޮށް، ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން އިތުރަށް ވިދާލާނެ ކަމަށެވެ.
ރާފިއުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބާއްވާ ކޮންމެ މުބާރާތަކުން ސްޕޯޓްސް ޓޫރިޒަމަށް މަގުފަހިވެ، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ކޮމަންވެލްތުގެ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެ ޝަރަފަކީ ކުޅިވަރު އާއިލާގެ އިތުރުންމުޅި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭ ޝަރަފެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިރު، މުބާރާތުގައި ރާއްޖެއާއެކު ޖުމުލަ ހަގައުމަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އަދި ދެކުނު އެފްރިކާއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް