ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ސްރީ ލަންކާ ބަލިކޮށްފިއެވެ.

މިއަދުގެ މޮޅަކީ ބީޗް ހޭންޑްބޯލްގައި ރާއްޖެއިން ހޯދި މުހިއްމު މޮޅެއްވެސް މެއެވެ. މިފަހަރުގެ ބީޗް ހޭންޑްބޯލް މުބާރާތަކީ ރާއްޖޭގެ ތާރީހުގައިވެސް ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތެކެވެ. އެހެންކަމުން މިއަދުގެ މޮޅަކީ ބައިނަލްއަގުވާމީ މުބާރާތަކުން، ރާއްޖެއިން އަމިއްލަ ފަސްގަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.

ރާއްޖެއިން ދާދިފަހުން ބީޗް ހޭންޑްބޯލް ކުޅެން ފަށައި، އެންމެ ފުރަތަމަ މޮޅެއް ހޯދާފައި އޮތީ މިދިޔަ މޭ މަހުގައެވެ. އެފަހަރު އޭޝިއާ މުބާރާތުގައި ރާއްޖެ ވަނީ ހޮން ކޮންގް ކައިރިން މޮޅުވެފައެވެ. އެއީ އޮމާނުގައެވެ.

މުބާރާތަށް ހާއްސަކޮށް ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް އެރީނާއެއް ބައިނަލްއަގުވާމީ ފެންވަރަށް ތައްޔާރުކޮށްފައިވާ އިރު، މިއަދު އެ ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-1 ސެޓުންނެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެޓުގައި ރާއްޖޭން ރަނގަޅަށް ކުޅެފައިވާ އިރު، އެ ސެޓު ގެންދިޔައީ 28-24 އިންނެވެ. އަނެއް ސެޓަށް ލަންކާއިން ކުޅުން ރަނގަޅުކޮށްފައިވާ އިރު، ލަންކާއިން ދެވަނަ ސެޓު ގެންދިޔައީ 34-26 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ސެޓުތައް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ޝޫޓް އައުޓް ސެޓުން ރާއްޖެ ކުރިހޯދީ 7-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ އަހުމަދު ރަޒްނީ މުހައްމަދެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިރު، މުބާރާތުގައި ރާއްޖެއާއެކު ޖުމުލަ ހަގައުމަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އަދި ދެކުނު އެފްރިކާއެވެ.

މިއަދު މުބާރާތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)އާއި ކޮމަންވެލްތުގެ އިސް ފަރާތްތަކުގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މުބާރާތުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި މާދަމާ ހެނދުނު 8 ޖަހާ އިރު، ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭނެއެވެ.