ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތުގެ ތިންވަނަ ހޯދައި، ރާއްޖެއިން ލޯ މެޑަލް ހޯދައިފިއެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިރު، މުބާރާތުގައި ރާއްޖެއާއެކު ޖުމުލަ ހަގައުމަކުން ވާދަކުރިއެވެ. އެއީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އަދި ދެކުނު އެފްރިކާއެވެ.

ސެމީ ފައިނަލުގައި ރާއްޖެއިން ސްރީ ލަންކާ ކައިރިން ބަލިވެފައިވާ އިރު، ސެމީގެ ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލިވީ ޕާކިސްތާން ކައިރިންނެވެ. ބަންގްލަދޭޝްއިން މިއަދު ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުމެ، ބަލިވީ ޕެނަލްޓީ ޝޫޓްއައުޓަކަށް ގޮސްގެންނެވެ.

ލީގު ބުރުގައި ރާއްޖެއިން ބަންގްލަދޭޝް ކައިރިން ޕެނަލްޓީޝޫޓްއައުޓްގައި ބަލިވެފައިވީ ނަމަވެސް، މިއަދުގެ މެޗުގައި ސަޕޯޓަރުންގެ ފޯރިއާއެކު ތަފާތު ރޫހެއް ދެއްކިއެވެ. މިފަހަރުގެ މުބާރާތަށް ކުޅުދުއްފުށީ ސިޓީގައި ގާއިމު ކުރި ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު، ބަންގްލަދޭޝްއިން ގެންދިޔައީ 20-25 އިންނެވެ.

ދެވަނަ ސެޓު ފޯރިގަދަކޮށް ފެނުނު އިރު، ރާއްޖެއިން ވަނީ ބުރަކޮށް މަސައްކަތް ކޮށް، ހިތްވަރު ކޮށްފައެވެ. ބަންގްލަދޭޝްއާއި ރާއްޖޭގެ ކުޅުންތެރިޔަކަށްވެސް ސެޓުގައި ރަތް ކާޑު ދައްކާފައިވާ އިރު، އެ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 22-12 އިންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ރާއްޖޭން ބަންގްލަދޭޝް ބަލިކުރީ 7-4 ގެ ސްކޯއަކުންނެވެ.

ރާއްޖޭން ބީޗް ހޭންޑްބޯޅައަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެސޯސިއޭޝަނުން ވަނީ ކުރިއާލައި ކޮމަންވެލްތު މުބާރާތަށް ތައްޔާރުވެފައެވެ. ޕާކިސްތާންގެ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗު އާސިމް ރަޝީދާއެކު ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ކޮށްފައިވާ އިރު، އެ ހަރަކާތްތައް މައިގަނޑުކޮށް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީގައެވެ.