މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބާއްވާ އިވެންޓްތައް، އަތޮޅު ތެރޭގައި ބޭއްވުމަކީ ފަތުރުވެރިކަމަށް ވެދެވޭ އެހީއަކަށް ވާނެ ކަމަށް ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމްއޯސީން މިހާތަނަށް މިއަހަރުވެސް އަތޮޅު ތެރޭގެ ރަށްތަކުގައި އޮލިމްޕިކް ޑޭގެ އިވެންޓްތައްވެސް ކުރިއަށް ގެންގޮސްފައިވާ އިރު، ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ 20 ވަނަ އޭޝިއަން ގޭމްސްގެ ހަރަކާތްތައް ޕްރޮމޯޓްކޮށް، އެ ގޭމްސްއަށް ގައުމުތަކުގެ ތައްޔާރީތައް އިތުރު ކުރުމުގެ ގޮތުން ބާއްވާ އޭޝިއަން ގޭމްސް ފަން ރަން ރަސްމީކޮށް މިއަދު ކ. ހުރާގައި ވަނީ ފަށައިފައެވެ.
އެ އިވެންޓްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ޕްރެސްގައި ތަމޫހު ވިދާޅުވީ އެމްއޯސީގެ ވިސްނުމަކީ އަތޮޅު ތެރޭގެ އެކިއެކި ހިސާބުތަކުގައި އިވެންޓްތައް ބޭއްވުން ކަމަށާއި، އެއީ ފަތުރުވެރިކަމަށް އެެހީއަކަށް ވާނެ ކަމަށެވެ.
"މިދިޔަ ދައުރު ފެށުނީއްސުރެ އެމްއޯސީން ނިންމާފައި އޮންނާނީ، އެމްއޯސީގެ އިވެންޓްތައް ބާއްވާނީ އަބަދުވެސް މާލެއިން ބޭރުގައި ކަމަށް. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ ރަށްރަށުގެ ރައްޔިތުންނާ ގާތަށް ގޮސް، ކައުންސިލްތަކާވެސް ގުޅުން ބަދަހި ކުރުމަށް. މިފަހަރު ފަން ރަން ހުރާގައި ބާއްވަން ނިންމީ ވަކި ސަބަބެއް އޮވެެގެން ނޫން ނަމަވެސް، އަތޮޅު ތެރޭގައި އިވެންޓްތައް ބާއްވަނީ މާލޭގައި ހުރިހާ ކަމެއް ބާއްވާ ސަގާފަތް ބަދަލުކުރަން. ދެން އޭޝިއަން ގޭމްސްއަކީ އޮލިމްޕިކްސް ނަގާފައި އެންމެ ބޮޑު ގޭމްސް، އެހެންވީމަ ފަން ރަން ވެގެންދާނެ، ހުރައަށް ލިބޭ މަގުބޫލު ކަމަކަށް. ހާއްސަކޮށް ކުޅިވަރުގެ ތެރެއިން ކޮންމެވެސް ވަރަކަށް ފަތުރުވެރިކަންވެސް ޕްރޮމޯޓް ކުރެވޭނެ،" ތަމޫހު ވިދާޅުވިއެވެ.
ފަން ރަންއާ ގުޅިގެން ތަމޫހު ބުނީ އިވެންޓަށް ހުރާގެ ރައްޔިތުންގެ ޝައުގުވެރިކަން ބޮޑު ކަމަށާއި، މާދަމާގެ ހަރަކާތްތައް އުފާވެރި މާހައުލެއްގައި ކުރިއަށް ގެންދަން ތައްޔާރުވެފައިވާ ކަމަށެވެ.
"އަހަރެމެންނަށް އައި ވަރަށް ގިނަ ރަޖިސްޓްރޭޝަންތަކެއް. ވަގުތު ހަމަވިފަހުންވެސް އައި ރަޖިސްޓްރޭޝަންތައް، އެހެންވިޔަސް ލިމިޓެޑް ޖާގަތަކެއް މި ދިނީ. އެއީ ވަސީލަތްތަކަށްވެސް ބަލާފައި. އަހަރެމެން ނިންމާފައި އޮންނާނެ ފަން ރަންއަށް އަންނަ މީހުންނަށް ދަތުރު ހަމަޖައްސައި، ރިފްރެޝްމަންޓެއްވެސް ދޭން. ފަން ރަން އަކީ ފަސް ކިލޯ މީޓަރުގެ ރޭހެއް. އޭގެން ވަނަވެސް ހޮވާނެ. ދެން އޮންނާނެ 13 އަހަރުން ދަށުގެ އެއް މޭލު ދުވުމެއް. އެއީ ހުރާގެ ކުދިންނަށް ބާއްވާ ރަންއެއް. އޭގައިވެސް 100 އެއްހާ ކުދިން ބައިވެރިވި،" ތަމޫހު އިތުރަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ތަމޫހު ފާހަގަކުރެއްވީ މާދަމާގެ އިވެންޓްގައި އާއިލާތަކަށް ހާއްސަކޮށް ހަވީރެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ