ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ 20 ވަނަ އޭޝިއަން ގޭމްސްގެ ހަރަކާތްތައް ޕްރޮމޯޓްކޮށް، އެ ގޭމްސްއަށް ގައުމުތަކުގެ ތައްޔާރީތައް އިތުރު ކުރުމުގެ ގޮތުން ބާއްވާ އޭޝިއަން ގޭމްސް ފަން ރަންއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތައް ކ. ހުރާގައި ފަށައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އޭޝިއަން ގޭމްސްގެ އޯގަނައިޒިންގް ކޮމިޓީ (އައިނަގޮކް) އަދި ކ. ހުރާ ކައުންސިލް ގުޅިގެން ބާއްވާ ފަން ރަންއަކީ މާދަމާ އޮންނަ ދުވުން ނަމަވެސް، އެ ފަން ރަންއާ ގުޅިގެން އޭޝިއަން ގޭމްސްގެ ޕްރޮމޯޝަނަށް ހުރާގައި ޔޫތު ރިޕޯޓާސް ޕްރޮގްރާމަކާއި އާޓް އެގްޒިބިޝަނެއްވެސް ހުރާގައި ކުރިއަށް ދާނެއެވެ.

ދެ ދުވަހަށް އެ ހަރަކާތްތައް ހުރާގައި ކުރިއަށްދާ އިރު، މިއަދު ރަސްމީކޮށް އިވެންޓްތައް ފަށަން ބޭއްވި ޕްރެސްގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި ދަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ ޑިރެކްޓާ އޮފް ޑެވަލޮޕްމަންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ވިސާމް ތުރްކްމާނީ، އޯސީއޭގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޖީންސް ޒޫ ޖިއާން އަދި އައިޗީ-ނަގޯޔާގެ އޯގަނައިޒިން ކޮމިޓީގެ އެގްޒެކެޓިވް ޑިރެކްޓާ އޮފް ޕީއާރް އަދި މީޑިއާ ފުމިހީޓޯ ކަނައިޒޫކާ ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރޭ ބޭއްވި ޕްރެސްގައި ތަމޫހު ވަނީ މިފަހަރުގެ އިވެންޓްތައް ހުރާގައި ކުރިއަށް ގެންދެވެނީ ކައުންސިލާއި ރައްޔިތުންގެ ބޮޑު އެއްބާރުލުމަކާއެކުގައި ކަމަށެވެ. އޭގެ އިތުރުން އެރަށުގެ ޒުވާނުންވެސް އިވެންޓްތަކުގައި ބައިވެރިވާ މިންވަރަށް ތަމޫހު ވަނީ ޝުކުރު އަދާކޮށްފައެވެ.

18 ސެޕްޓެމްބަރު 2025، ހުރާ، އޭޝިއަން ގޭމްސް ފަން ރަންގެ އިވެންޓްތަކަށް ބޭއްވި ހާއްސަ ޕްރެސްގެ ތެރެއިން ތަމޫހު --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ތަމޫހު އިތުރަށް ވިދާޅުވީ ހުރާގައި ފަން ރަން ބާއްވަން ނިންމާފައި ވަނީ ނޭޝަނަލް އޮލިމްޕިކް ކޮމިޓީސް (އެންއޯސީ) އާ ވާހަކަ ދައްކައި، އާއްމުކޮށް އިވެންޓްތައް ބާއްވާ އުސޫލުން ކަމަށެވެ. އަބަދުވެސް އެމްއޯސީން ނިންމަނީ އަހަރު ތެރޭގައި ބާއްވާ އިވެންޓްތައް މާލެއިން ބޭރުގައި ބޭއްވުމަށް ކަމަށާއި، އެކަން އެގޮތަށް ނިންމާފައި ވަނީ ބައިނަލްއަގުވާމީ ކުޅިވަރު މައިދާނަށް ރާއްޖޭގެ ރަށްތައް އިޝްތިހާރު ކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށްވެސް އެހީއަކަށް ވާނެ ކަމަށެވެ.

18 ސެޕްޓެމްބަރު 2025، ހުރާ، އޭޝިއަން ގޭމްސް ފަން ރަންގެ އިވެންޓްތަކަށް ބޭއްވި ހާއްސަ ޕްރެސްގެ ތެރެއިން ވަސީމް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"އޭޝިއަން ގޭމްސްގައި ބައިވެރިވާ ހުރިހާ ގައުމެއްގައި ފަން ރަން ކުރިއަށްދާނެ. އޮލިމްޕިކް ކޮމިޓީގައި ހިމެނޭ އޭޝިއާގެ 45 ގައުމަކުން އޭޝިއަން ގޭމްސްގައި އެބަ ވާދަކުރޭ. 41 ކުޅިވަރެއްގެ ތެރެއިން 400 އަށްވުރެ ގިނަ އިވެންޓް، އަންނަ އަހަރުގެ އޭޝިއަން ގޭމްސްގައި އޮންނާނެ. ޖަޕާނުގައި ގޭމްސް ބާއްވާ ތިންވަނަ ފަހަރު މިއީ. 19 ސެޕްޓެމްބަރުން 4 އޮކްޓޯބަރަށް ކުރިއަށް ދާނީ. ފުރަތަމަ ޖަޕާނުގައި ބޭއްވީ ޓޯކިޔޯގައި އެއީ 1928، އޭގެފަހުން ހީރޯޝީމާގައި ބޭއްވި،" ވަސީމް މިއަދު ވިދާޅުވިއެވެ.

ވަސީމް މިއަދު ވިދާޅުވީ އޭޝިއާގެ ތަފާތު ސަގާފަތްތައް އެއްތަނަކުން ފެނިގެންދާ އެއް އިވެންޓަކީ އޭޝިއަން ގޭމްސް ކަމަށާއި، މިފަހަރުގެ އޭޝިއަން ގޭމްސްއަށް ޕްރޮމޯޓް ކުރަމުންދާނީވެސް އޭޝިއާގެ އެ ހިތްގައިމު ކަންތައްތައް ކަމަށެވެ.

އޭގެ އިތުރުން ޕްރެސްގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް ވަނީ އޭޝިއަން ގޭމްސް ފަން ރަންގެ މުހިއްމުކަން ފާހަގަކޮށް، ރާއްޖޭގެ އެމްއޯސީން ދޭ އެއްބާރުލުން ފާހަގަކުރައްވައިފައެވެ.