ރަޝިޔާއަށް ސްޕައި ކޮށްދިން ތިން މީހަކު ލަންޑަނުގައި ހައްޔަރުކޮށްފިއެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއްގެ އިތުރުން 35 އަހަރުގެ އަންހެނެކެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުން އިއްޔެ ހައްޔަރުކޮށްފައި ވަނީ އެގައުމުގެ ކައުންޓާ ޓެރަރިޒަމް އިން ކުރިޔަށް ގެންދިޔަ ތަހުގީގަކުން ލިބުނު މައުލޫމާތަކަށް ބިނާކޮށް ކަމަށެވެ.

ލަންޑަނުގެ ކައުންޓާ ޓެރަރިޒަމް ކޮމާންޑުގެ އިސްވެރިޔާ ކޮމާންޑަރު ޑޮމިނިކް މާފީ ވިދާޅުވީ ބޭރު އިންޓެލިޖެންސްތަކުން ގިނަ ބަޔަކު އެގައުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ވަނީ ރަޝިޔާއިން އެކި ގައުމުތަކުގައި ސްޕައި އެޖެންޓުން ބޭނުންކޮށްގެން މައުލޫމާތު ހޯދަމުން އަންނަ ކަމުގައި ތުހުމަތުކޮށްފައެވެ.