ދިވެހި ސަރުކާރުން، އިންޑިއާގެ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފައެވެ.

މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ. އޭގެ ތެރެއިން ނުދައްކައި 100 މިލިއަން ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން މިއަހަރުގެ މެއިމަހަށް 50 މިލިއަން ދައްކަން ޖެހޭއިރު އިންޑިއާ ސަރުކާރުންވަނީ އެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދީފައެވެ.

އިންޑިއާއިން ފަސްކޮށްދީފައި މިވަނީ މިމަހުގެ ނިޔަލަށް އަނބުރާ ދައްކަން ޖެހޭ ބާކީ 50 މިލިއަން ޑޮލަރެވެ. އެ 50 މިލިއަން ޑޮލަރުގެ ޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށެވެ. އިއްޔެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ ފިނޭންސް މިނިސްޓްރީގައި ބައްދަލުކުރައްވައި އެ ޓީބިލާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ.

އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި އެސްބީއައިވަނީ ވަނީ އެ 50 މިލިއަން ޑޮލަރުގެ ޓީ ބިލް ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލުމަށް އެއްބަސްވުމަކަށް އައިސްފައި ކަމަށެވެ.

ހައިކޮމިޝަނުން ބުނީ 2019 ވަނަ އަހަރުން ފެށިގެން އިންޑިއާ ސަރުކާރުން އަންނަނީ އެފަދަ އެހީތެރިކަން ދިވެހި ސަރުކާރަށް ފޯރުކޮށްދެމުން ކަމަށެވެ.

ރާއްޖެއަކީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ މުހިންމު ބައިވެރިއެއް ކަމަށާއި އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސް އަދި މަހާސާގަރުގެ ތަަސައްވަރުގައިވެސް ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށް އިންޑިއާއިން ބުންޏެވެ.

ރާއްޖެއަށް އެހީތެރިން ބޭނުންވެެގެން މީގެ ކުރީންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރިއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުގައިވެސް ޓީ ބިލް ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދީފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.