މިދިޔަ 10 އަހަރުގެ ތެރޭގައި ދެއްކި މިންވަރަށްވުރެ އިތުރަށް، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ދަރަނި ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދަރަނި ދެއްކުމުގައި މި އަހަރަކީ ސުކޫކު އަނބުރާ ދައްކަންޖެހޭ އަހަރަކަށް ވުމުން ސަރުކާރުން ދަރަނި ދެއްކުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން މިއަހަރު އެކަނި ކަރަންސީ ސްވޮޕާއެކީ 1.45 ބިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށެވެ.

"ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އަދި އެ އަދަދަކީ މީގެ ކުރީގައި 10 އަހަރު ދެއްކި އަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނިތައް ކުޑަކުރަމުން ވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެމުންދާ ކަމަށެވެ.