އަމާޒަކީ ބަޖެޓްގެ ދަރަނި 2029 ވަނަ އަހަރަށް ދަށް ކުރުން ކަމަށާއި އެގޮތުން ޑެޓް ޓު ޖީޑީޕީ 112 ޕަސަންޓަށް ކުޑަކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރަށް ބަޖެޓް އެކުލަވާލަން ލިބުނީ މިދިޔަ އަހަރަށާއި މި އަހަރަށް ކަމަށާއި އޭގެ ކުރީ އަހަރުގެ ބަޖެޓް އެކުލަވާލީ ކުރީގެ ސަރުކާރުން ކަމަށެވެ. އޭރު ވެރިކަންކުރި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެގެން އެ ބަޖެޓް ފާސްކުރީ އާ ސަރުކާރަށް ކަންކަން ކުރަން ދަތިވާނެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބަޖެޓް ޑެފިސިޓް ހުރީ 123.7 ޕަސެންޓްގައި ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ނުދައްކައި ހުރި 1.55 ބިލިއަން ރުފިޔާގެ ބިލުތައް ކުންފުނިތަކަށް ދެއްކެވި ކަމަށާއި މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 25.13 ބިލިއަން ރުފިޔާގެ ޕޭމަންޓު ހައްދަވާފައިވާ ކަމަށެވެ.
"މި ޕޭމެންޓްތައް ހެދުމަށް ފަހުވެސް އަޅުގަނޑުމެންނަށް މި އަންދާޒާ ކުރެވެނީ އަންނަ އަހަރު ނިމިގެންދާ އިރު، 2028 އަހަރު އަޅުގަނޑުމެންގެ ބަޖެޓް 2023 ވަނަ އަހަރު އަޅުގަނޑުމެންނާ ހަވާލުވި އިރަށް ވުރެވެސް ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ކުޑަކުރެވިގެންދާނެ، ކުޑަކުރެވިގެން ދިއުމުގެ ސަބަބުން އިގުތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. އެއާކު 2029 ވަނަ އަހަރަށް އަންދާޒާ ކޮށްފައި މިވަނީ 112 ޕަސަންޓަށް ޑެޓް ޓު ޖީޑީޕީ ކުޑަކުރެވޭނެ ކަމަށް، އެއީ ކޮވިޑުގެ ވެސް ކުރިއަށް ކުރީގެ ހާލަތަށް އިގުތިސޯދު ރަނގަޅު ކުރެވޭނެ،"
އިގުތިސޯދީ މިނިވަންކަން ވަޒަން ކުރާ އިރު، ވެރިކަމާ ހަވާލުވި އިރު އިގުތިސޯދީ ހާލަތު ހުރި ހިސާބާއި މިހާރު ހުރި ހިސާބު އަންދާޒާ ކޮށްލެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓުގައި ކަމަށާއި ފުރަތަމަ އެކުލަވާލި ބަޖެޓާ އެކު 3.6 ޕަސެންޓަށް ޑެފިސިޓް ކުޑަކުރެއްވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ތެލުގެ އަގު ބޮޑުވުމާއި ހަނގުރާމައިގެ ސަބަބުން ބަޖެޓު ބެލެހެއްޓުމުގައި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، މިއަހަރު ޑެފިސިޓް 6.2 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށާއި އަންނަ އަހަރު ފަސް އިންސައްތައަށްވުރެ ދަށް ކުރެއްވުމަކީ ލަނޑުދަނޑިއެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް