މިޔަންމާގައި ކުޅެން ތާވަލު ކޮށްފައިވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުތަކަށް ދާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލް ކޮށްފިއެވެ.
ގައުމީ ފުޓްސަލް ޓީމު އެކުލަވާލުމުގެ މަސައްކަތުގައި ޓީމުގެ ތަމްރީނުތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ފަށާފައިވެއެވެ. އާއްމުކޮށް، ޓާފް އެއް ނަމްބަރު ދަނޑުގައި ޕްރެކްޓިސްތައް ކޮށްފައިވާ އިރު، މިފަހަރު ކޮލިފަޔާސްއަށް ޓީމު ދަނީ އިންޑޯ ފަރިތަކުރުންތައް ނުކުރެވިއެވެ.
ރާއްޖޭގައި އާއްމުކޮށް ފުޓްސަލް ކުޅެނީ އައުޓްޑޯ ޓާފްގައި ކަމަށްވާ އިރު، މީގެ ކުރިންވެސް ކޮލިފިކޭޝަން މެޗުތަކަށް ގޮސް އިންޑޯގައި ކުޅުމަށް ޗެލެންޖްތަކާ ދިމާވެފައިވެއެވެ.
ގައުމީ ޓީމުގެ ކޯޗަކަށް އަހުމަދު ނިޔާޒް (ނިޔާ) ހަމަޖައްސާފައިވާ އިރު، ޓީމު މިއަދު މިޔަންމާއަށް ދާން ދަތުރު ފަށާނެއެވެ. ރާއްޖެ ހިމެނޭ ގްރޫޕް އެޗްގައި މެޗުތައް ހޯސްޓް ކުރާ މިޔަންމާގެ އިތުރުން ދެން ހިމެނެނީ އަފްގާނިސްތާނާއި ރާއްޖެއެވެ.
ރާއްޖެއިން ފުރަތަމަ އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހު 20 ވަނަ ދުވަހުއެވެ. އޭގެފަހުން 22 ވަނަ ދުވަހު މިޔަންމާއާ ދެކޮޅަށް ނުކުންނަ އިރު، އޭޝިއަން ކަޕުން ޔަގީންކަމާއެކު ޖާގަ ލިބޭނީ ގްރޫޕްގެ އެއްވަނައަށެވެ. ދެވަނައަށްދާ ޓީމަށްވެސް ފުރުސަތެއް އޮންނާނެއެވެ.
ދެވަނައަށްދާ އަށް ޓީމުގެ ތެރެއިން ނަތީޖާ ރަނގަޅު ހަތް ޓީމަކަށް އޭޝިއަން ކަޕްގެ ފުރުސަތު ލިބޭނެއެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ 2023 ވަނަ އަހަރުއެވެ. އެފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވި އިރު، ލުބުނާން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހުމެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު
- އަހުމަދު އަޔާޒް
- ޝާމިން މުހައްމަދު
- އަލީ ޝިޔާހް
- އިސްމާއީލް ވަޖީހު (ވައްޖެ)
- ހުސައިން ސުހައިލް
- މުހައްމަދު ފާސިރު (ފާއްޓެ)
- އަހުމަދު ރާހިލް
- އަލީ ޝަމާލް
- ހުޒައިފަތު ރަޝީދު
- އިޝާން އިބްރާހީމް (ސައްޓު)
- އަލީ ހާފިޒް (ހާއްޕެ)
- އަބްދުﷲ ޒިމާމް
- އަބްދުﷲ ނާސިހު
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް