އަލީބާބާގެ ވޯކްޝޮޕްގެ ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބައިވެރިވެއްޖެއެވެ.

މިއަދު ބޭއްވި އެ ވޯކްޝޮޕަކީ ދުނިޔޭގެ އީ-ކޮމާސްގެ ދާއިރާގެ އެންމެ ކުރީސަފުގައި ހިމެނޭ އަލީބާބާއިން، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބޭއްވި ވޯކްޝޮޕެކެވެ. އެ ވޯކްޝޮޕުގައި 260 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ.

ބާސެލޯ ނަސަންދުރަ މާލޭގައި ބޭއްވި، އަދި އޮންލައިންކޮށް މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވި އެ ވޯކްޝޮޕުގައި، އަލީބާބާ.ކޮމް އަދި އެހެނިހެން އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓްތަކަށް ވާސިލުވުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި، ވަސީލަތްތަކާއި އަދި ސްޓްރެޓެޖީތައް ރާއްޖޭގެ ވިޔަފާރިތަކަށް ފޯރުކޮށްދިނެވެ.

16 ސެޕްޓެމްބަރު 2025، އަލީބާބާ ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫން ބުނީ އެ ކުންފުނީގެ މަގުސަދަކީ، މިފަދަ ވޯކްޝޮޕްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން، ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ ދުނިޔޭގެ ދޮރުތައް ހުޅުވި، އެ ފަރާތްތަކުގެ ހާއްސަ އުފެއްދުންތައް ދުނިޔެއަށް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ. އެކަމަކީ، އޮންލައިން ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް، އިގުތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފޯރުކޮށްދެވޭ އެއްބާރުލުމުގެ މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސިޔާޒު ވިދާޅުވި ގޮތުގައި، ދިވެހި ވިޔަފާރިތަކަށް އަލީބާބާ.ކޮމްގައި ލިސްޓުކުރުމުގެ ފުރުސަތު ލިބުމަކީ ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމަށާއި ރާއްޖޭގެ ޑިޖިޓަލް ވިޔަފާރީގެ ވެށި ހަރުދަނާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

އެކަމުގެ މުހިންމު ޕާޓްނަރެއްގެ ގޮތުގައި، އުރީދޫ މޯލްޑިވްސްއިން ދަނީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ހައްލުތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް، ދުނިޔޭގެ ޑިޖިޓަލް މާކެޓްޕްލޭސްގައި ކުރިއެރުން ހޯދުމަށް ރާއްޖޭގެ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.