އޫރިދޫ މޯލްޑިވްސްގެ އާ އަދި އުފެއްދުންތެރި އޫރިދޫ ކަލަންޑަރު 2025 ގެ ބައެއްގެ ގޮތުން، ސެޕްޓެމްބަރު މަހުގެ ފީޗާ ކުރެވިފައިވާ ކެރެކްޓަރުގެ ގޮތުގައި ރަންނަމާރި ހާމަކުރުމަށްޓަކައި އޫރިދޫ މޯލްޑިވްސްއިން ފަހުރުވެރިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރަންނަމާރިއަކީ ދިވެހި ތި ތާރީހުގައި އެންމެ މަޝްހޫރު އަދި ބިރުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.

ރަންނަމާރީގެ ވާހަކަ ތަފްސީލުކޮށްދެމުން އުރީދޫ މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި، އެތައް ޖީލުތަކެއް ވަންދެން، ދިވެހިން ގަބޫލުކުރި ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ރަންނަމާރި ކިޔާ ނުބައި ކަނޑުގެ ޖިންނިއެއް ކަނޑުން އަރައެވެ. އެ ޖިންނި ފެންނަނީ އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައެވެ. އޭނާ މަޑުކުރުވުމަށްޓަކައި، ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ގުރުބާންކުރެއެވެ.

މި ހިތާމަވެރި ދައުރު ހުއްޓުނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަޣްރިބުން އައި އިލްމުވެރިއެއް އައުމުންނެވެ. އޭނާއަކީ ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. އަންހެން ކުއްޖަކު ގުރުބާންކުރަން އޮތް ރޭ، އޭނާ އެ ކުއްޖާގެ ބަދަލުގައި އަމިއްލައަށް ހުށަހެޅިއެވެ. އަދި މުޅި ރޭ ބުދުކޯލުގައި ހޭދަކުރީ ގުރުއާން ކިޔަވަމުންނެވެ. ރަންނަމާރި ކައިރިވެ ގުރުއާނުގެ އާޔަތްތައް އިވުމުން، އެ ޖިންނި ކަނޑަށް ފީނައިގެން ދިޔައެވެ. އަދި އެއަށްފަހު ދުވަހަކުވެސް ނާދެއެވެ.

އުރީދޫން ބުނީ އަހަރުގެ ފެށުމުގައި ތައާރަފުކުރެވުނު އުރީދޫ ކަލަންޑަރު 2025 އިން، ދިވެހި އާދަކާދައިގެ 12 މަޝްހޫރު ކެރެކްޓަރެއް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އަލުން ސިފަކުރާ ކަމަށާއި ކޮންމެ މަހަކު އާ ކެރެކްޓަރެއް ހާމަކުރެވޭ ކަމަށެވެ.

އޭގެ އިތުރުން ކަސްޓަމަރުންނަށް ކެރެކްޓަރުންނާ ވާހަކަ ހިއްސާކޮށް، ސުވާލުކޮށް، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ވާހަކަތަކަށް އާ ފުރާނައެއް ލިބި، މީހުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އެ ކުންފުންޏާ ގުޅި، ދިވެހީންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.