"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލް) ފާސްކުރަން މިހާރު ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނުކުންނަން އަންގައިފިއެވެ.
މިއަދު ހަވީރު 5:00 ގައި ފެށި މިއަދުގެ ޖަލްސާ ފެށީއްސުރެން ބިލު ފާސްކުރުމާ ދެކޮޅަށް މަޖިލިސް ޖަލްސާގެ ރިޔާާސަތުގެ ކުރިމަތީގައި، އެމްޑީޕީ މެންބަރުން ގެންދެވީ އިހުތިޖާޖު ކުރައްވަމުންނެވެ.
ބިލު ފާސްކުރުމާ ދެކޮޅަށް ބައެއް ލިޔުންތައް ހިފައިގެން އެ މެންބަރުން ގޮވަމުން ދިޔައީ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަން ކަަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަަމަށް މި ބިލުން ހުރަސް ހެޅޭނީ ބިލު ބޭރުކުރުމަށްވެސް އެ މެންބަރުން ގޮވިއެވެ.
ނަމަވެސް މަޖިލިސް ޖަލްސާގައި އަޑުގަދަ ނުކުރުމަށާއި، ބިލުގެ ބަހުސްގައި ވާހަކަދެއްކެވި މެންބަރުންނަށް އުނދަގޫވާގޮތަށް އަމަލު ނުކުރުމަށާއި މަޖިލީހުގެ ގަވާއިދަަށް ހުރުމަތްކޮށް ހިތުމަށް ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް އެ މެންބަރުން ތަކުރާރުކޮށް އިންޒާރުދެއްވިއެވެ.
އެއަށްފަހު ވަކިވަކިން އެ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނިކުތުމަށް އެ ބޭފުޅުނަށް އަމުރުކުރެއްވިއެވެ.
އޭގެ ތެެރެއިން ޖަލްސާއިން ނުނިކުތް ބައެއް މެންބަރުން ނެރުނީ، ސެކިއުރިޓީ ބޭފުޅުން އުފުއްލާލައިގެންނެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު