ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތައް ހިމަނައިގެން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލް) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަލުން ފާސްކޮށްފިއެވެ.

އެ ބިލާ މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް މަޖިލީހުން ބިލު ބޭރުކުރަން އިހުތިޖާޖު ކުރަމުންދަނިކޮށް ކޮމިޓީން ބިލު ފާސްކުރީ އިއްޔެއެވެ. އަދި އެ ބިލާ ބެހޭގޮތުން މަޖިލިސް ތަޅުމުން ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން އޮތީ ނިންމައިފައެވެ.

އެހެންކަމުން އެ ބިލު ބޭރުކުރަން ގޮވާލައި، މިއަދު ހެނދުނުން ފެށި މަޖިލިސް އިދާރާކައިރީގައި ނޫސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ބިލު އިތުރަށް ދިރާސާކުރުމަށް އެޖެންޑާކޮށް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައި، މެންދުރުފަހު 2:00 އަށް އެޖެންޑާ ކުރިއެވެ.

ނަމަވެސް ފަހުން އެ ބައްދަލުވުން 2:30 އަށް ފަސްކޮށް ފެށުނީ 3:00 ހާއިރުއެވެ.

ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ ވިދާޅުވީ، ކޮމިޓީން ބިލެއް ދިރާސާކޮށް ބިލަށް އިސްލާހުތައް ގެނެސް، ބިލު ފުރިހަމަކުރުމަށްފަހު ރިޕޯޓު ތައްޔާރުކޮށް ކޮމިޓީގެ މުގައްރިރު ރިޕޯޓުގައި ސޮއިކުރުމުގެ ކުރިން، ވީ އެންމެ އަވަހަކަށް، ގިނަވެގެން ތިންދުވަސް ފާއިތުނުވާނެ ގޮތެއްގެމަތިން، އެ ބިލު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާތޯ ބެލުމަށް ބިލާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށް ފޮނުވަންވާނެ ކަަމަށް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ.

ނަމަވެސް ކައުންސެލް ޖެެނެރަލްގެ އެގޮތަށް ދެއްވާ ގާނޫނީ ލަފައާ މެދު އަމަލު ކުރާނެގޮތެއް ކަނޑައަޅާނީ ކޮޮމިޓީންް ކަމަށް ގަވާއިދުގައި ބުނެފައިވާތީ އެ ބިލަށް ކައުންސެލް ޖެެނެރަލް ފޮނުއްވި ރެކޮމެންޑޭޝަންތަކާ މެދު ކޮމިޓީން ނިންމާނެގޮތެއް ކަނޑައަޅަން މެންބަރުންގެ ހިޔާލަށް ހުޅުވާލައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ފުރުސަތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ގާނޫނުއަސާސީއާއި އަދި އަމަލު ކުރަމުންދާ އެއްވެސް ގާނޫނަކާ ބިލުގެ އެއްވެސް ފުށުއެރުމެއް ނެތްކަން ޔައުމިއްޔާއަށްޓަކައި ފާހަގަކުރައްވާ ކަމަށެވެ. އެހެންކަމުން ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތަކާއެކު ބިލު ފާސްކުރަން ހުށަހެޅުއްވިއެވެ.

ޝުޖާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެ ހިސާބުން އެ ކޮމިޓީގައި އިންނެވި އެމްޑީޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ފުރުސަތު ހޯއްދަަވައި، ކޮމިޓީން ބިލު ފާސްކުރުމުގެ ކުރިން ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތަކާއެެކު ބިލު ކިޔާލަން މެންބަރުންނަށް ފުރުސަތު ދޭން އެދިވަޑައިގެންނެވިއެވެ.

މީކާއީލް ވިދާޅުވީ، މިއަދު ހަވީރު 4:00 ގައި މި ބިލާ މެދު ގޮތެއް ނިންމުމަށް މަޖިލިސް ބާއްވަން ނިންމާފައިވާ އިރު، އެ ރެކޮމެންޑޭޝަންތަކާއެކު ބިލު ކިޔާލަން ނުދީ 3:18 ބިލު ފާސްކުރުމަކީ ގޯހެއް ކަމަށެވެ.

އެ ބިލު ކިޔާލަން ނުލިބި ބިލަށް ވޯޓުދޭނީ ކިހިނެއްތޯވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ޝުޖާ ހުށަހެޅިގޮތަށް ކޮމިޓީން ބިލު ފާސްކުރީ، ބިލު ކިޔާލަންދޭން ގޮވާލައި އަޑުގަދަކޮށް މީކާއީލް އިހުތިޖާޖުކުރަމުން ދަނިކޮށެވެ.