ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މިމަހުގެ 16 އިން 20 އަށް މަޖިލިސް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސް މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޖިލިސް އިދާރާއިން ބުންޏެވެ.
މަޖިލިސް ރައީސް ފުރާވަޑައިގެންނެވި އިރު، ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަނެފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ފާސް ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އޮތީ ނިންމައިފައެވެ.
މަޖިލިސް އިދާރާއިން އިއްޔެ ބުނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.
ނަމަވެސް މަޖިލިސް އިދާރާއިން އިއްޔެ ބުނީ، އެ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށް އައިއިރުވެސް މިއަދު މަޖިލީހުގެ ޖަލްސާ ބާއްވާ ގަޑިއެއް އަދި އެޖެންޑާއެއް ހާމަކޮށްފައެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި