ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުއީއެމް)ގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި މ. ޕޮޕީ، މުހައްމަދު ޝަފީގު އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝަފީގު އެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވިއެވެ.

ހަމަ މިއަދު އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ޝަފީގަށް ރުހުންދޭން ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

އެ މަގާމަށް ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު މެންދުރުފަހު 1:00 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 67 މެންބަރުންގެ ވޯޓުންނެވެ.