ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ނުކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކުރަންޖެހޭ ތަނެއް ނެތް ކަމަށް ހަމަ އެ ކޯޓުން ނިންމައިފިއެވެ.

މިއީ ކަރެކްޝަންސްގެ ޕްރިޒަންސް ކުލަބްގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއްގެ ތުހުމަތުގައި ކަރެކްޝަންސްގެ ކުރީގެ އޭސީޕީ މުހައްމަދު އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ވަކިކުރުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

އެ އަމުރަކީ މަގާމުން ވަކިކުރި އާސިފްގެ ފަރާތުން ނެރެދިނުމަށް އެދުނު އަމުރެކެވެ.

އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އޭނާ ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާތީ، އެ މައްސަލައިގައި ކޯޓުން ގޮތެއް ނިމެންދެން އެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މިހާރު އަމަލުކުރާ މަދަނީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ދައުވާ ހުށަހެޅުމުގެ ކުރީން ވެސް ވަގުތީ އަމުރަކަށް އެދެވިދާނެއެވެ.

އެހެންވެ، ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނަނީ ކަރެކްޝަންސް އޭސީޕީގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށާއި އަދި އެ މަގާމުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެ އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ވަގުތުން ހުއްޓާލަން އަންގާ ކަމަށެވެ.

ނަމަވެސް އޭސީޕީގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ނެރުނު އަމުރު މުރާޖާކޮށްދިނުމަށް ދައުލަތުން ވަނީ ސިވިލްކޯޓުގައި އެދިފައެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ އެގޮތަށް އެދުނީ އާސިފް ކުރަމުން އައި މަސައްކަތް ނުރަސްމީ ގޮތެއްގައި އެހެން މުވައްޒަފުންތަކަކާ ހަވާލުކުރަން ޖެހިފައިވުމުން އެއީ ހައްގު ނޫން ބުރައެއް އުފުލަންޖެހުން ކަމަށްވާތީ ކަމަށެވެ. އަދި އޭސީޕީގެ މަގާމަކީ ހިންގުމުގެ ޒިންމާތަކެއް ކަމަށްވާ އިރު، އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރެވުމަކީ ކަރެކްޝަންސްގެ އާންމު ހިދުމަތަށް އަސަރު ކުރާނެ ކަމެއް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނަމަވެސް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އޭސީޕީގެ މަގާމުގެ ޒިންމާތަކަކީ އެހެން މުވައްޒަފަކާ ހަވާލުކުރެވިދާނެ ޒިންމާތަކެއްކަން އެނގޭ ކަމަށެވެ. އެހެންވެ، އެފަދަ އިންތިޒާމުތަކެއް ކަރެކްޝަންސްގައި ހަމަޖެހިފައި އޮތުމުން ހައްގު ނޫން ބުރައެއް ދައުލަތަށް ކުރިމަތިވެފައިވާ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެއެވެ.

އެހެންކަމުން ވަގުތީ އަމުރު ބާތިލުކުރަންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ.