ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވާލާ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަހަރައްދުގެ ޗެނަލަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަަދަދެއްގެ ރައްޔިތުން މޫދަށް އެރުމާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.

އަދި އެ ސަރަހައްދަކީ، އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދައި އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގެ ތެރޭގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ އެ ސަރަހައްދުގައި މޫދަށް އެރި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ ކަމަކަށްވާތީ، އަދި އެ ސަރަހައްދުގައި މުރަކަ އާލާކުރަން ކުރާ މަސައްކަތަށް ދަތިވާނެތީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ސަަރަހައްދުގައި އިންޖީނުލީ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުގެ އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.