ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް އެކަން ހަމަޖެއްސީ، ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރަމުން ގެންދާނީ، ރަމަޟާން މަހުގެ 27 ވިލޭރޭ އިސްލާމިކް މިނިސްޓްރީން ބާއްވާ ޖަލްސާގައި ކަމަށްވާތީއާއި، ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމުދިނުން އެންމެ އެކަށީގެންވަނީ، އެ ޖަލްސާގައި ކަމަށްވާތީ ކަމަށެވެ.

ހާފިޒުފުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދީފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ހާފިޒުންގެ އެލަވަންސް 4000 ރުފިޔާއަށް މީގެކުރިން ވަނީ ބޮޑުކޮށްފައެވެ.

ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފައިވަނީ މިއަހަރުގެ ޖޫން 24 ގައެވެ.