އާ އިސްލާހުތަކެއް ހިމަނައިގެން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމެނޭ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް މިއަދު ފޮނުވައިފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މިމަހު ނުވަވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައިވެސް ބިލަށް އިސްލާހުތަކެއް ގެނެސް ކޮމިޓީން ބިލު ފާސްކުރަން ނިންމިއެވެ.
ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުުމުގައި އިތުރު އިސްލާހުތަކަކާއެކު ކޮމިޓީން ބިލު ވަނީ ފާސްކޮށްފައެވެ.
މި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ގެނައި އިސްލާހުތައް:
- އާންމު ވޯޓު ނެގުމަށް މަޖިލީހަށް ފެންނަ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން، ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި ވޯޓު ނަގަން ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވާ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން.
- އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައާއި ރައީސަށް ލާޒިމުވާ ހާލަތްތަކުގައި ރައީސް އަމަލުކުރަންވާނީ މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ އުސޫލުތަކާ އެއްގޮތަށް.
- ވޯޓު ނެގުމަށް، މަޖިލީހުން ފާސްކުރާ ގަރާރާއެކު ހިޔާލު ހޯދަން ހުށަހަޅާ ސުވާލާއި، އެ މައްސަަލައާ އެއްކޮށް ހުރި ހުއްޖަތްތަކާ ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް މަޖިލީހުން ފާސްކުރުން، އަދި ވޯޓު ނެގުމަށްޓަކައި ރައީސް ނެރޭ ގަރާރާއެކު ރައްޔިތުންގެ ހިޔާކު ހޯދަން ހުށަހަޅާ ސުވާލާއި، ހިޔާލު ހޯދަން ހުށަހަޅާ ސަބަބާއި އެ މައްސަލަައާ އެއްކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމެނިފައި އޮންނަންވާނެ.
- ވޯޓުނަގަން އެދިފައިވާ މުއްދަތުގައި ވޯޓު ނެގެން ނެތް ނަމަ ސަބަބާއި، ދެން އެންމެ އަވަހަށް ވޯޓު ނެގުން ބޭއްވޭނެ ތާރީހު އިލެކްޝަންސް ކޮމިޝަނުން މަޖިލިހަށް އަންގަންވާނެ.
- އެއްވެސް ހާލެއްގައި ވޯޓު ނެގުން މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ އެންމެ ދިގު މުއްދަތަށްވުރެ އިތުރު ވެގެންނުވާނެ.
- ވޯޓު ކަރުދާސް ތައްޔާރު ކުރެވިފައި އޮންނަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތަށް، ވޯޓު ކަރުދާހުގެ ކަންކަމުގައި އެނޫންކަންކަމުގައި އަމަލުކުރާނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް.
- މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، ނަގާ ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަން ހުށަހަޅާ ސުވާލު، ނުވަތަ މައްސަލައިގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބޭގޮތް އެއީ ރައްޔިތުން އެކަމުގައި ދެލޭގޮތް ކަމުގައި ބަލައިގަނެ ގަބޫލު ކުރުން.
- ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލބިއްޖެކަމަށް ބަލާނީ އެ އިންތިހާބުގައި ވޯޓުދިން މީހުންގެ ތެރެއިން ސައްހަ ވޯޓު ފަންސާސް އިންސައްތައަށްވުރެ ގިނަ ވޯޓު އެ ނިންމުމަކަށް ލިބިފައިވާނަމަ.
އިބްރާހިމް ޒަކީ
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ