ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ހަސަން ސާއިދު، 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ފަހަނަައަޅައި، ފުރަތަމަ ބުރުން ޖާގަ ހޯދައިފިއެވެ.

ސާއިދު މިހާރު ވާދަކުރަމުންދަނީ، އޭނާ ކެރިއަރުގެ ހަތަރުވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައެވެ. އުމުރުން 33 އަހަރުގެ ސާއިދު މީގެ ކުރިން 2015 ވަނަ އަހަރު ބެއިޖިންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕާއި 2017 ވަނަ އަހަރު ލަންޑަންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ އިތުރުން 2022 ވަނަ އަހަރު އޮރެގޯންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައިވާ އިރު، އެ ހުރިހާ ފަހަރެއްގައި ޕްރިލިމިނަރީ ބުރު ފަހަނައަޅައި، އެއްވަނަ ބުރަށް ދަތުރު ކޮށްފައިވެއެވެ.

ޕްރިލިމިނަރީ ބުރުގައި ސާއިދު ވާދަކުރީ ތިންވަނަ ހީޓްގައެވެ. އެ ހީޓްގައި 100 މީޓަރު ރޭސް ނިންމީ 10.84 ސިކުންތުންނެވެ.

އެ ހީޓްގެ ހަތަރުވަނަ ސާއިދު ހޯދި އިރު، އޭނާ އެއްވަނަ ބުރަށް ދިޔައީ ހުރިހާ ހީޓަކަށް ބަލައި، އެންމެ ރަނގަޅު އަށް ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. ސާއިދު ވާދަކުރި ހީޓްގެ އެއްވަނަ ބާބާޑޯސްގެ ކޫރޯން ގްރިފިތު ހޯދީ 10.47 ސިކުންތުން ނިންމައިގެންނެވެ.

ދެވަނަ ހޯދި ގެމްބިއާގެ އަލިއޭ ޖޯފްގެ ޓައިމިންއަކޯ 10.60 ސިކުންތެވެ. ތިންވަނައިގައި ނިންމާލި ތަޖިކިސްތާނުގެ ފަވޮރިސް މުޒްރަޕޯވްގެ ޓައިމިންއަކީ 10.67 ސިކުންތެވެ.