މައިލޯ 13 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުންގެ މަގާމު، ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ސާއިދާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު ހޯދައިފިއެވެ.

މިއަހަރު އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ ކުޅިވަރު އެކުވެނީގައެވެ. އެއީ ތިން ދުވަހުގެ މުއްދަތަކަށެވެ. މިފަހަރު މުބާރާތުގައި 230 އަށް ވުރެން ގިނަ އެތުލީޓުން ވާދަކުރި އިރު، އޯޕަން ކެޓަގަރީގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ސާއިދު ހޮވުނީ، 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، 200 މީޓަރު ދުވުމުގައި މީޓް ރެކޯޑެއް ހަދާފައިވާތީއެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރު އިވެންޓުގެ ރަން މެޑަލް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ހޯދީ، 21.48 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔަ ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު ރޭސް ނިންމީ 21.86 ސިކުންތުންނެވެ. ތިން ވަނައަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހުސެއިން ޒީކް ސުއާދު ރޭސް ނިންމީ 22.25 ސިކުންތުންނެވެ.

ސާއިދު، 100 މީޓަރު ރޭސް ކާމިޔާބުކުރީ 10.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔަ ރައުހަތު ސްޕޯޓްސްގެ އަހުނަފް ރައްޔާން ފަހުމީގެ ޓައިމިންއަކީ 11.20 ސިކުންތެވެ. ތިންވަނައަށް ދިޔަ ޝަރީފް ސްޕޯޓްސްގެ ސިޒާން އަލީ ރިޒާ ވަނީ 11.42 ސިކުންތުން ރޭސް ނިންމައިފައެވެ.

ސާއިދަށް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު މިލިބުނީ މިދިޔަ އަހަރު މަގާމު ގެއްލުމަށްފަހުއެވެ. ދިވެހި ސިފައިންގެ ކްލަބުން ހަތަރެއް ގުނަ 100 މީޓަރު ރިލޭއާއި ހަތަރެއް ގުނަ 400 މީޓަރު ރިލޭއިން ރަން މެޑަލް ހޯދި ޓީމުގައިވެސް ސާއިދު ހިމެެނެއެވެ.

އެންމެ މޮޅު އަންހެން އެތުލީޓު ޝާޔާވަނީ ޑިސްކަސް އުކުމުންނާއި، ޝޮޓްޕުޓުން ރަން މެޑަލް ހޯދައިފައެވެ. ޝޮޓް ޕުޓުން މީޓް ރެކޯޑެއް ޝާޔާ ހަދާފައިވެއެވެ. ޑިސްކަސް އުކުމުން ޝާޔާ ވަނީ 27.52 މީޓަރު ދުރަށް އެއްލައިފައެވެ. ދެވަނައަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު އައިނީ މުހައްމަދު ވަނީ 27.12 މީޓަރު ދުރަށް އެއްލައިފައެވެ. ތިންވަނަ ހޯދި ބްލެކް މާލިންގެ އައިމިނަތު އީޝަލް މޫސާ ވަނީ 23.04 މީޓަރު ދުރަށް އެއްލައިފައެވެ.

ޝޮޓްޕުޓްއަށް ބަލާ އިރު، ޝާޔާވަނީ 9.46 މީޓަރު ދުރަށް އެއްލައިފައެވެ. ދެވަނައަށް ދިޔަ އީޝަލް ވަނީ 8.88 މީޓަރު ދުރަށް އެއްލައިފައެވެ. ތިންވަނަ ހޯދި އައިނީއަށް އެއްލުނީ 8.62 މީޓަރު ދުރަށެވެ.

މިފަހަރު އިވެންޓްތަކުގެ އެހެން ވަނަތަކަށް ބަލާއިރު، 16 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ނަސީރު ސްޕޯޓްސް ކްލަބުގެ އިބްރާހީމް މިގްދާމް ނަޒީމެވެ. އޭނާ ވަނީ 100 މީޓަރު ދުވުމުންނާއި ޓްރިޕަލް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ.

އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ސަރީފް ސްޕޯޓްސްގެ އައިމިނަތު އައުހާ އަބްދުލްރަހުމާނެވެ. އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައި، 200 މީޓަރު ދުވުމާއި ލޯންގް ޖަމްޕުން މީޓް ރެކޯޑު ހަދައިފައެވެ.

އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން ޓީމަކީ ދިވެހި ސިފައިން ކްލަބެވެ. އެންމެ މޮޅު އަންހެން ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންއެވެ.