ޖަޕާނުގެ ޓޯކިޔޯގައި މިމަހު 13 އިން 21 އަށް ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާނީ ތާރީހުގައި އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.

ސާއިދަކީ ދާދިފަހުން ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު އިވެންޓް ކާމިޔާބުކުރި އެތުލީޓެވެ. އޭނާ މިހާތަނަށް މިއަހަރު ޗައިނާގައި ކުރިއަށްދިިޔަ ވޯލްޑް އެތުލެޓިކްސްގެ އިންޑޯ ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ.

ސާއިދު، 33، އެންމެ ފަހުން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕެއްގައި ވާދަކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރު މުބާރާތް ކުރިއަށް ދިޔައީ އެމެރިކާގެ އޮރެގޯންގައެވެ.

އޭގެ ކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ސާއިދު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވާ އިރު، ސާއިދަކީ އަދިވެސް ރާއްޖޭގެ 100 މީޓަރު ރެކޯޑު އޮންނަ އެތުލީޓެވެ.