ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސް އިން ވަގަށް ނެރުނު ސިނގިރޭޓު ފޮށިތަކަށް 20 މިލިއަން ރުފިޔާގެ ޑިއުޓީއެއް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވެއާ ހައުސްގައި 27 އޭޕްރީލް 2018 އާއި އެ އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ އައި ބޯޓުން ގެނައި 1،060 ފޮށި ސިނގިރޭޓު ބޮންޑު ކުރުމަށްފަހު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 20.7 މިލިއަން ރުފިޔާ ނުދައްކައި އަދި ކަސްޓަމްސްއަށް ނާންގައި ބޮންޑެޑް ވެއާ ހައުސް އިން ބޭރުކުރި މައްސަލައިގައި ކަސްޓަމްސް އިން އެސްޖީއެމްއަށް ސިވިލްކޯޓުގައި ދައުވާކުރިއެވެ.
މިދިޔަ ޖުލައި މަހު ކުރި މި ދައުވާގައި ވަނީ ބޮންޑެޑް ވެއާ ފާސްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ތަން ފާސްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ މުދާ ނެތް ކަމަށާއި މ. ނިއު ސަނީވޭގައި ހަދާފައިވާ އެ ބޮންޑެޑްހައުސްގައި ހުރީ މީހުން ދިރިއުޅޭ އެޕާޓްމަންޓެއް ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އޭގެ ފަހުން، ސިނގިރޭޓު ފޮށިތަކަށް ޑިއުޓީ ދެއްކުމަށް މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ކަސްޓަމްސްއިން ކުރި ދައުވާގައި ބުނެފައިވެއެވެ.
އެ ދައުވާގައިވާ ގޮތުން، 27 އޭޕްރީލް 2018 އަދި 4 ޖޫން 2018 ގައި، އެސްޖީއެމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާ ހައުސްއަށް އެމެރިކަން ލެޖެންޑުގެ 430 ކޭސް، އަފްޒަލް މޮލްސެސްގެ ބްރޭންޑުގެ 250 ކޭސް ޕައިޕް ޓޮބޭކޯ ގެނެސްފައިވެއެވެ. މި މުދާ 5 އޭޕްރީލް 2018 ގައި މާލޭ ކޮމާޝަލް ހާބަރުން ނެރެފައިވާކަން އެނގެން އޮންނަ ކަމަށާއި އެ ތަކެތި ބޮންޑެޑް ވެއާ ހައުސްއަށް ގެންގޮސް އެ ތަނުން އެއްޗެއް ނެރުނުކަން، ލިޔުންތަކުން އެނގެން އޮންނަނީ 20 ސެޕްޓެމްބަރު 2018 ގައި ކަމަށް ވެސް ބުނެފައިވެއެވެ.
ގެނައި މުދަލުގެ ޑިއުޓީ ދައްކަން ކަސްޓަމްސް އިން އެންގުމުން 20 ސެޕްޓެމްބަރު 2018 ގައި ކަސްޓަމްސްއަށް ޗެކެއް ހުށަހެޅި ނަމަވެސް، އެ މަހުގެ 25 ވަނަ ދުވަހު އެ ކުންފުނީގެ އެކައުންޓުގައި ފައިސާ ނެތިގެން ޗެކް ބައުންސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ބޮންޑެޑް ވެއާ ހައުސް ހެދި ތަނުގައި އެތަން ނެތްކަން އެނގުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29ގައި ކަމަށާއި ކޯޓު އަމުރެއް ހޯދައިގެން އެތަނަށް ވަނީ އެ ހިސާބުން ކަމަށް ވެސް ދައުވާގައިވެއެވެ. ނަމަވެސް ތަން ފާސްކުރި އިރު މުދާ ނެތުމުން، 30 ދުވަހުގެ ތެރޭގައި 20،720،412.54 ރުފިޔާ ދައްކަން ކަސްޓަމްސް އިން އެންގިކަމަށް ދައުވާގައި އޮވެއެވެެ.
އެ މުއްދަތުގައި ފައިސާ ނުދެއްކުމުން މިދިޔަ އަހަރުގެ ފެބްރުއަރީ 4 ގައި ފަސް ދުވަސްތެރޭ އެ ފައިސާ ދައްކަން ދެވަނަ ފަހަރަށް އެންގި ކަމަށްވެސްް އޭގައި އޮވެއެވެ.
އެހެންކަމުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ، ރައްދުވާ ފަރާތުގެ ގައިރު ހާޒިރުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަން މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ހުކުމްކޮށްފައިވާ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 20.7 މިލިއަން ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް