ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލުން ޑައިމޯފިން ގެންދަން އުޅުނު މީހަކު، 50،000 ރުފިޔާއިން ޖޫރިމަނާކޮށް 12 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ، ރ. ހުޅުދުއްފާރު، ސުރައްޔާ މަންޒިލް، އާދަމް ޝަރީފުގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ، ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ދިޔައިރު މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން، ޓާމިނަލްގެ ޗެކިން ކައުންޓަރު ކައިރީގައި އޭނާ ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފާސްކުރަމުން ދަނިކޮށް، އޭނާގެ ކުރިމަތިފަރާތާ ދިމާލުން ނަގައި ފުލުހުންނަށް ދިން ޓޭޕް ގަނޑެއްގެ ތެރޭގައި ޑައިމޯފިން ހުރެގެންނެެވެ.

މި މައްސަލައިގައި، ޕީޖީއާއެކު އާދަމް ޝަރީފް އިއުތިރާފްގެ އެއްބަސްވުމެއް ހެދިއެވެ.

އެ އިއުތުރާފްގެ އެއްބަސްވުން ބަަލައިގަތުމަށް ޝަރީއަތުން ނިންމައި، ޖަވާބުދާރީވާން އޭނާއަށް ދިން ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ.

މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ނަމަވެސް އިއުތިރާފުގެ އެއްބަސްވުން ޝަރީއަތުން ބަަލައިގަނެ ގާނޫނުގައި ބުނާގޮތުގެމަތިން އޭނާއަށް ލުއި އަދަބެއް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން 12 އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރުދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގައި ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް ހުކުމްކުރުމުގެ ކުރިން އޭނާ ބަންދުގައި ހުރެފައިވާތީ އެ މުއްދަތު ހުކުމުން އުނިކުރުމަށްފަހު އޭނާ ތަންފީޒުކުރަންޖެހޭނީ 11 އަހަރާއި 22 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.