މީޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު، ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ފުރިހަމަ ހައްލެއް ލިބޭނެކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް އޮންނަ ގޮތަށް މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އުޝާމް މިރޭ ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު އެ ބިލު ބަންޑާރަ ނައިބުގެ އޮފީހުން ދިރާސާކޮށް 14 އިސްލާހެއް ގެންނަންޖެހޭ ކަމަށް ފެންނާތީ، އެކަންކަން ހިމަނައި ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހަޅައިފައިވާނެ ކަމަށެވެ.

އުޝާމް ވިދާޅުވީ، އެ ބިލު މަޖިލީހުން ހުށަހެޅުމުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ކަންކަން ހުރިތޯ ބެލުމަށް ދިރާސާކުރުމުން ސަރުކާރުގެ ސިޔާސަތާ އެއްހަމަވާ އޮތީ ދެ ކަމެއް ކަމަށެވެ. އެއީ މިޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބަޔާއި މިޑީއާތައް ރެގިއުލޭޓްކުރެވޭނެ ރަނގަޅު ނިޒާމެއް އެކުލަވާލުމުގެ ބައި ކަމަށެވެ.

އެންމެ ބޮޑު އަދި މުހިންމު ބަދަލަކީ، ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަގޮތަށް ބަދަލުކުރުން ކަމަށް އޭޖީ ވިދާޅުވިއެވެ.

"ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ދުރުކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނޯންނާނެ. 17، 19، 20 ވަނަ މާއްދާއަށް މި އިސްލާހުތައް ހުށަހެޅިން. އެއީ ނޫސްވެރިންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް ބައިވެސް އިސްލާހު ކުރަން ފޮނުވާފައިވާ ކަމަށެވެ.

"އެހެންވީމާ މި އިސްލާހުތަކުން އެ ބޭފުޅުން (ނޫސްވެރިން) ހުށަހަޅާފައިވާ ކަންތައްތަކަށް ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ނޫސްވެރިންގެ ބާރުތައް ހަނިވާ ގޮތަށް އޮތް ނަމަ އަދިވެސް ބިލު އިސްލާހު ކުރަން ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް އެފަދަ ޝަކުވާއެއް އަދި ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި ވިދާޅުވަނީ ބިލު ބޭރުކުރާށޭ. ބިލު ބޭރުކުރުމަކީ ހައްލެއް ނޫންކަން އޭގެ ތެރެއިން ގިނަ ބޭފުޅުންވެސް ގަބޫލުކުރައްވާނެ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓްކުރެވޭނީ ރަނގަޅު ގާނޫނީ ނިޒާމެއްގެ ތެރެއިން ކަމަށެވެ.