މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ މިސްރުގެ ފޯވަޑް، އޮމަރް މަރްމޫޝްގެ ކަކުލަށް އަނިޔާވެ، ކްލަބަށް ހާސްކަމާ ކުރިމަތިވެއްޖެއެވެ.

މަރްމޫޝްއަށް އަނިޔާވެފައި ވަނީ އޭނާގެ ގައުމީ ޓީމު، މިސްރުން ބްރްކީނާ ފާސޯއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައެވެ. އެ މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

އެމެޗުގެ ކުރީކޮޅުގައި އުމުރުން 26 އަހަރުގެ މަރްމޫޝްއަށް އަނިޔާވެ، ބާލަން ޖެހިފައިވެއެވެ. ގައުމީ ޓީމުގެ މެޑިކަލް ޓީމުން ބުނީ މަރްމޫޝްގެ ލިގަމެންޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެ އަނިޔާގެ ތަފްސީލުތައް އިތުރަށް ކްލަބުންވެސް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

ސިޓީން ބުނީ މިހާތަނަށް މިސްރުން ހެދި ސްކޭންތައް ދައްކާ ގޮތުން، މަރްމޫޝްއަށް ކުރިއަށް އޮތް މެޗު ނުކުޅެވޭނެ ކަމަށެވެ. އެއީ ސިޓީން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ސިޓީން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމަށް ހޯދުނީ އެންމެ މޮޅެކެވެ. މިހާރުވެސް ސިޓީއަށް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާ އިރު، ރަޔަން ޗާކީއާއި މަޓެއޯ ކޮވަސިޗްގެ އިތުރުން ސަވީނިއޯއާއި ފިލް ފޮޑެންވެސް ތިބީ އަނިޔާގައެވެ.