ކުރިން ޗެލްސީގެ އޯނަރު، ރޯމަން އަބްރަމޮވިޗްގެ ދައުރުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 74 މައްސަލައެއް ބަލަން ފަށައިފިއެވެ.

ޗެލްސީގެ މިހާރު އޯނާޝިޕް ކަމަށްވާ ޓޮޑް ބޮއެލީ އެންޑް ކްލިއާލޭކް ކެޕިޓަލްއިން 2022 ވަނަ އަހަރު އެ ކްލަބު ގަނެ، ހުރިހާ ލިޔެކިޔުންތައް ބަލާފައިވެއެވެ. އެ ލިޔުކިޔުންތައް ވެރިފައިކޮށް، އާ އޯނާޝިޕުން ބައެއް ލިޔެކިޔުންތައް އިނގިރޭސި އެފްއޭއަށް ހުށަހަޅާފައިވެއެވެ.

އެ މައްސަލަތައް ހުށަހެޅީ 2010 އިން 2016 ވަނަ އަހަރާ ދެމެޗު، ތިންވަނަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މަކަރު ހަދާފައިވާ ކަމަށް ފެންނާތީއެވެ. އެގޮތުން ފުޓުބޯޅަ އެޖެންޓޫނާއި ޑީލްތަކުގައި ވާހަކަ ދައްކާ ފަރާތްތަކަށް ދޭން ޖެހޭ ފައިސާއިން މަކަރު ހަދާފައިވާ ކަމަށް ފާހަގަވެފައިވެއެވެ.

ޗެލްސީން ބުނެފައި ވަނީ އެ ކްލަބުން ހުށަހެޅި މައްސަލަތައް ބަލައި، މިއަދު އެފްއޭއިން ޝައްކު ކޮށްފައި ވަނީ 74 ވަރަކަށް ގޯސް ޗެލްސީން ހަދާފައިވާ ކަމަށެވެ. އެފްއޭއިން ބަލާފައި ވަނީ 2009 އިން 2022 އާ ދޭތެރޭ ޗެލްސީން ހަދާފައިވާ ވިޔަފާރި އެއްބަސްވުންތަކުގެ އިތުރުން ޓްރާންސްފާތަކަށެވެ.

އެ މައްސަލައިގައި ޗެލްސީން ބުނީ، އެފްއޭއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދެމުންދާ ކަމަށާއި، ބޭނުން ވަނީ އެ މައްސަލަތައް ވީ އެންމެ އަވަހަށް ނިންމަން ކަމަށެވެ.

ބަލަމުންދާ މައްސަލަތައް ސާބިތުވެއްޖެނަމަ، ޗެލްސީގެ ޕޮއިންޓް އުނިކޮށް، ޓްރާންސްފާ ބޭން ކުރުން ފަދަ އަދަބެއް ދިނުން އެކަށީގެންވެއެވެ. އޭގެ އިތުރުން ޖޫރިމަނާއާވެސް އެ ކްލަބުން ކުރިމަތިލާން ޖެހިދާނެއެވެ.