ޝަރުއީ ދާއިރާއަށް މާލީ ބާރުވެރިކަން ދިނުމަށް، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާއަށް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާއެކު، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.
ދައުލަތުގެ އާމްދަނީން އަންނަ އަހަރުން ފެށިގެން ޖުޑިޝަރީއަށް ބައެއް ކަނޑައެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިއަދު ހެނދުނުއެވެ.
ރައީސް ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެންމެ މުހިންމީ މާލީ މިނިވަންކަން ޖުޑިޝަރީއަށް ލިބުން ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށްޓަކައި ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ދައުލަތަށް ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑިޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން ދައުލަތުގެ އާމްދަނީން ވަކި ޕަސަންޓެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ޖުޑިޝަރީއަށް ދޫކޮށް، ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދި ކުރުމުގެ މިނިވަންކަން ވެސް ޖުޑިޝަރީއަށް ދިނުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އެގޮތަށް ކަނޑައަޅާ ޕަސަންޓަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނެ ޕަސަންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ނިންމެވުމާ ގުޅިގެން ސުޕްރީމް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޖުޑިޝަރީ ހަރުދަނާކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމުކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުމުން އުފާކުރާ ކަމަށެވެ.
"މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީހީ މުހިންމު ނިންމެވުމެއް ކަމުގައި ދެކެމެވެ. އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތްޕުޅު އިތުރު ހަލުވިކަމެއް އަންނާނެކަމަށް އުއްމީދުކުރަމެވެ" ސްޕްރީމް ކޯޓުން ބުންޏެވެ.
ރައީސް ވަނީ ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އަލީ ޔާމިން
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް