ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް މަސައްކަތްތަކެއް ކުރުމަށް އަމާޒު ހިފައިފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ކުރިއަށް އޮތް ތަނުގައި ކުރަން ގަސްތުކުރާ ކަންކަމުގެ ތެރެއިން ރާއްޖެއިން ބޭރުން މުޑުވަށް ރަނގަޅު ބިމެއް ނަގައިގެން ރައްޔިތުންނަށް ބޭނުންވާ ކާނާގެ ބާވަތްތައް ހެއްދުމުގެ މަސައްކަތްތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

"ރާއްޖެއިން ބޭރުގައިވެސް ފާޓައިލް ރަނގަޅު ބިމެއް (މުޑުވަށް ރަނގަޅު ބިން) ނަގައިގެން (ކުއްޔަށް ނުވަތަ ގަނެގެން) އެސްޓީއޯއިން ދުރުރާސްތާގައި ފުޑް ސެކިއުރިޓީ ޔަގީންކުރާނެ،" ސައީދު ވިދާޅުވިއެވެ.

އެ މަސައްކަތަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި ބޭރު ފައިސާއަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި ކުރުމަށް ރާވާފައިވާ މަސައްކަތެކެވެ. އަދި އިތުރު ކުރެވުނު 23 ބާވާތުގެ ތެރެއިން ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް ދެނެގަނެ އެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ވެސް ކުރުމަށް އެސްޓީއޯއިން ވަނީ ނިންމައިފައެވެ.

ކާޑުގެ ބާވަތްތަކާއި މޭވާ އަދި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ކެބިނެޓުން އިއްޔެ ވަނީ ނިންމައިފައެވެ. ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.

އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ވަނީ ނިންމައިފައެވެ.