ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލްޓްރީ ފާމިން (ކުކުޅު އާލާކުރުން) ގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޮލްޓްރީ ފާމިން ކުރިއަށްގެންދިއުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.

އެ ވިސްނުންފުޅުގެ ދަށުން އެސްޓީއޯއިން ރާއްޖެއިން ކުކުޅާއި ކުކުޅުބިސް ރައްޔިތުންނަށް ކޭޓާ ކުރާވަރަށް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސްގެ ވިސްނުންފުޅުގައި އެބަހުރި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޮލްޓްރީ ފާމިންގް ކުރިއަށްގެންދަން. ޕޮލްޓްރީގެ މަސައްކަތް އެސްޓީއޯއިން ކުރުން. ޕޮލްޓްރީ ފާމިންގެ ތެރޭގައި ކުކުޅު އަދި ކުކުޅު ބިސް. ރާއްޖޭގެ ކޮންސަމްޕްޝަނަށް ބޭނުންވާ ވަރަށް ބޮޑު ދެ އެއްޗެއް މިއީ. އެހެންވީމަ ރާއްޖޭގައި އުފެއްދޭނެ ނިސްބަތެއް ދެނެގަނެގެން ރާއްޖޭގައި މި މަސައްކަތް ކުރުމަށް މިވަނީ މެންޑޭޓުގައި ކަނޑައަޅުއްވާފައި. އެެހެންވީމަ ރާއްޖޭގެ ސަރަހައްދުތަކުގައި އެސްޓީއޯއިން މިކަން ކުރާނެ،" ސައީދު ވިދާޅުވިއެވެ.

ޕޮލްޓްރީ ފާމިން --- ފޮޓޯ/ފިޓީ ކްލަބް

އޭގެ އިތުރުން ސައީދު ވިދާޅުވީ ރާއްޖެއިން ބޭރުގައިވެސް ފާޓައިލް ރަނގަޅު ބިމެއް (މުޑުވަށް ރަނގަޅު ބިން) ނަގައިގެން (ކުއްޔަށް ނުވަތަ ގަނެގެން) އެސްޓީއޯއިން ދުރުރާސްތާގައި ފުޑް ސެކިއުރިޓީ ޔަގިންކުރާނެ ކަމަށެވެ. މިއީވެސް ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ކުރިއަށް އޮތް ތަނުގައި ކުރަން ގަސްތުކުރާ ކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކާޑުގެ ބާވަތްތަކާއި މޭވާ އަދި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ކެބިނެޓުން އިއްޔެ ވަނީ ނިންމައިފައެވެ. ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.

އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ވަނީ ނިންމައިފައެވެ.