ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގެ ފޮޓޯ ނެގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން، ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ހުސައިން ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.

ފުލުހުން މިއަދު ބުނީ ހުސައިން، ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ.

ފުލުހުން ރޭ ބުނެފައިވަނީ ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީންއެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތައް ދަތި ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ނަސީހަތްތެރިވުމުން ވެސް އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސިން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކޮށްފައިވާތީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.