ނ. ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން މިމަހުގެ 8 ވަނަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަަލައާ ގުޅިގެން ހައްޔަރުކުރީ ނ. މާޅެންދޫ / ހަވޭލި، ހަސަން މުހައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން އަލީ (30އ) އެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިކަމަށް ފުލުހުން ބުނެއެވެ.

އޭގެ ިއތުރުން މިމަހުގެ ހަ ވަނަ ދުވަހު ވެސް ލަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން ސ. ހިތަދޫ / ގާފިލާ، އަހުމަދު އަބާން އަލީ (20އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

އަބާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށެވެ.

މި ދެމައްސަލަ ވެސް ތަހުގީގު ކުރަމުންގެންދާކަމަށް ފުލުހުން ބުންޏެވެ.