ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އިމަޖެންސީ ހާލަތަކަށް ތައްޔާރުވުމަށް ކުރިޔަށްގެންދާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އަކީ 1900 އަހަރުތަކުން ފެށިގެން ކޮންމެ ތިން އަހަރަކުން ކުރިއަށްގެންދާ ހަރަކާތެެވެ.
އެ ހަރަކާތްތަކުގެ މަގުސަދަކީ އިމަޖެންސީ ރެސްޕޮންސް ޕްލޭންތައް އިވެލުއޭޓްކުރުމެވެ. އެ ހަރަކާތުގައި އެކި އިމަޖެންސީތައް ބައިވެރިވެއެވެ. ހަގީގީ އިމަޖެންސީ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ހަގީގީ ހާލަތްތައް ނަކަލުކުރެއެވެ.
އެގޮތުން ވީއައިއޭގައިވެސް މި ހަރަކާތް ކޮންމެ ތިން އަހަރުން އެއް އަހަރު ކުރިއަށްގެންދިއުން ލާޒިމްކުރެއެވެ.
މި އަހަރުގެ އެފެކްސް ކުރިއަށްގެންދިޔައީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެ ހަރަކާތަށް އެއާޕޯޓުގެ ކަމާ ގުޅުންހުރި 33 އިދާރާއަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ފަސް ހޮސްޕިޓަލް ހިމެނެ އެވެ. އެއީ އޭޑީކޭ، އައިޖީއެމްއެޗް، ސެނެހިޔާ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.
އެފެކްސްގެ ތަމްރީނު ޕްރޮގްރާމްތައް
އެ ހަރަކާތް ކުރިއަށްގެންދިޔައީ އެމްއޭސީއެލްގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކާއި 18 އިދާރާއަކުން 80 ބޭފުޅުންގެ ބައިވެރިވުމާއެކުއެވެ. އަދި އެ ހަރަކާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންވެސް ބައިވެރިވެވަޑައިގަންނެވިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 26 ގައި އެފެކްސްއާ ގުޅޭ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުލުހުންނަށް ވެސް ކުރިއޔަށް ގެންދިޔައެވެ. ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ކުރިއަށްގެންދިޔަ އެ ތަމްރީން ޕްރޮގްރާމުގައި ފުލުހުންގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކުން އެކި ފަންތީގެ 86 ފުލުހުން ބައިވެރިވެފައިވެއެވެ.
މިދިޔަ މަހުގެ 28 ގައި އެފެކްސްގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް، ހުޅުލޭ އައިލެންޑް ހޮޓަލުގައި ހާއްސަ ބައްދަލުވުމެއް ވެސް ކުރިއަށްގެންދިޔައެވެ.
އެ ބައްދަލުވުމުގައި އެފެކްސްގެ ޕާޓްނަރު އެޖެންސީތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް (އެމްނެޓްސް), މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް), މޯލްޑިވްސް ޕޮލިސް ސާވިސް, ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ), އެއާލައިން އޮޕަރޭޓާސް ކޮމިޓީ, މޯލްޑިވްސް އިމިގްރޭޝަން, ހެލްތު މިނިސްޓްރީ, އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް), ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ), މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ), މިނިސްޓްރީ އޮފް ޓޫރިޒަމް, މޯލްޑިވްސް ކަސްޓަމްސް ސާވިސް, މިނިސްޓްރީ އޮފް ފޮރިން އެފެއާޒް, މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް, އޭޑީކޭ ހޮސްޕިޓަލް, އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް, ހުޅުމާލެ ހޮސްޕިޓަލް, ޓްރީ ޓޮޕް ހޮސްޕިޓަލް، ޓީއެމްއޭ, މަންޓާ އެއާ, އައިލެންޑް އޭވިއޭޝަން ސާވިސް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ބައިވެރިވިއެވެ.
އެފެކްސްއަށް ތައްޔާރުވުމަށް އައިޖީއެމްއެޗުން އިސްނަގައިގެން، މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ވެސް މިމަހުގެ ތިންވަނަ ދުވަހު ކުރިއަށްގެންދިޔައެވެ. އެ ތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް, ޓްރީ ޓޮޕް ހޮސްޕިޓަލް, އޭޑީކޭ, މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން 73 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އެފެކްސްގެ ރަސްމީ ހަރަކާތްތައް!
މީގެ ކުރިން މި ހަރަކާތުގައި އެއްވެސް މީޑިއާއަކުން ބައިވެރިވެފައެއް ނެތެވެ. ނަމަވެސް އެމްއޭސީއެލްގައި މިހާރު ހަރަކާތްތެރިވާ މީޑިއާ ޓީމުން ރޭވީ މިފަހަރުގެ އެފެކްސް ހަރަކާތުގައި ނޫސްވެރީންވެސް ބައިވެރިކޮށްގެން ކުރިއަށްގެންދިއުމަށެވެ.
އެގޮތުން އެ ކުންފުނިން ވަނީ މީޑިއާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ތެރެއިން ވޮލެންޓީއާކޮށް ބައިވެރިވާން ފުރުސަތު މިމަހުގެ ހަތް ވަނަ ދުވަހު ހުޅުވާލައިފައެވެ. އެ ފުރުސަތުގައި އެކި މީޑީއާތަކުން ހަތަރު ނޫސްވެރިޔަކު ބައިވެރިވިއެވެ. އޭގެ ތެރެއިން އެއް ނޫސްވެރިއެއްގެ ގޮތުގައި ބައިވެރިވުމަށް އަޅުގަނޑަށް ވެސް ފުރުސަތު ލިބުނެވެ.
މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ފެށި އެ ހަރަކާތުގައި ފުރަތަމަ ދައްކުވައިދިނީ މަތިންދާ ބޯޓެއް ވެއްޓުނު މަންޒަރެވެ. ދައްކުވައިދިނީ އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެ، ބައެއް މީހުން މަރުވެ، އެއިން ދަތުރުކުރި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބުނު މަންޒަރެވެ.
ޑްރިލެއް ގޮތުގައި ދައްކުވައިދިން އެ ހާލަތުގައި ވެސް، އެއާޕޯޓުން ފެނުނީ ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރުވެފައިވާ މިންވަރެވެ. އިމަޖެންސީ ހާލަތަށް ތައްޔާރުވެ ތިބި މިންވަރެވެ.
އެއާޕޯޓުގެ ޗެކްޕޮއިންޓަކީ ބޭނުން އިރަކު ވަދެވޭނެ ތަނެއް ނޫނެވެ. އެ ދުވަހު ވެސް މަންޒަރު ދައްކުވައިދިނީ ހަމަ އެގޮތަށެވެ. މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ އެދުމުގެ މަތިން ނޫސްވެރިއެއްކަން އަންގައިދޭ ފާސް ދެއްކުމުންވެސް ސީނަށް ވަނުމުގެ ހުއްދައެއް ނުދިނެވެ. ހާއްސަ ހުއްދައެއް ނެތުމުން ޖެހުނީ ގޭޓު ކައިރީ މަޑުކުރާށެވެ.
އެ ވަގުތު ފެނުނީ ސަފަކަށް ދަމާލާފައިވާ މާލެ ސަރަހައްދުގެ ފަސް ހޮސްޕިޓަލުގެ އެމްބިއުލާންސްތަކެވެ. މުޅި ސަރަހައްދުގައި އޮތީ އެންބިއުލާންސްގެ އަޑުފަށްގަނޑެވެ. ސިފަވަމުން ދިޔައީ ހަގީގީ ހާލަތެވެ. މަތިންދާބޯޓެއް ވެއްޓުގެން އުޅޭ ބިރުވެރި މަންޒަރެވެ.
ކޮޅުކޮޅަށް ދުއްވާ އެއާޕޯޓުގެ ވެހިކަލްތަކެވެ. ބަސްތަކެވެ. އެކި އިދާރާތަކުގެ ވެރީންގެ ވެހިކަލްތަކެވެ. އެ ދުވަހަކީ ފުލުހުންގެ ފުރިހަމަ ޒިންމާތައް އަދާކުރަން ޖެހޭ ދުވަހަކަށް ވަނީ ވެފައެވެ. ޓްރެފިކް ފުލުހުންގެ ޒިންމާތަކެވެ. ސިނަމާލެ ބްރިޖުގެ އެއް ލޭނު ހަވީރު 4 އިން 5 އަށް ބަންދުކުރިއެވެ. މާލެއިން ހުލުމާލެއަށް ދަތުރުކުރާ އެއް ލޭނެވެ. އެމްބިއުލާންސްތަކަށް ދަތި ނުވާނެ ގޮތަކަށެވެ.
ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ލޭނު ދެކޮޅަށް ދުއްވޭގޮތަށް ހުޅުވާލިއެވެ. ބުރިޖުމަތިން ވެސް ދައްކުވައިދިނީ ވީއައިއޭގައި އެފަދަ އިމަޖެންސީ ހާލަތެއް ދިމާވުމުން އަމަލުކުރާ ގޮތެވެ.
ވޮލަންޓިއާ ނޫސްވެރިންނާއި ޕްރޮޓޮކޯލްތައް
އެ ދުވަހުގެ ހާދިސާ ހިނގި ވަގުތު އެ ހަރަކާތުގައި ބައިވެރި ވި "ވޮލެންޓިއާ ނޫސްވެރިން"ގެ ދައުރަކަށް ވީ އެ ހާދިސާ ހިނގި ސަރަހައްދަށް ވަނުމަށް ނޫސްވެރިއެއްކަން އަންގައިދޭ ފާސް ދައްކައިގެން ވަންނާން މަސައްކަތްކުރުމެވެ. ނަމަވެސް އެފަދަ ހާދިސާއެއް ދިމާވެގެން އުޅޭ ހާލަތުގައި ނޫސްވެރީންނަށް ވެސް ނުވަދޭވޭނެކަން ޔަގީންވިއެވެ.
އެއާޕޯޓު ފަދަ ތަނަކުން ކުއްލި ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ތަނުގެ ޕްރޮޓޮކޯލްތަކަށް ބޯލަނބަން މަޖުބޫރުކަން ކަށަވަރުވެގެންދިޔައެވެ.
ޕްރޮޓޮކޯލްތަކާ އެއްގޮތަށް ވީއައިއޭގައި ހަރަކާތްތެރިވި ފުލުހުންނަކީ ވެސް ފަސްނުޖެހި އެ ފަރާތްތަކުގެ ޒިންމާ އަދާކުރާނެ ބައެއްކަން ދައްކުވައިދިނެވެ. އެކަމަށް ހުރަސްއަޅައި އަމުރަށް ކިޔަމަން ނުވާ މީހުން އެ ސަރަހައްދުން ބޭރުކުރިއެވެ.
ނޫސްވެރިންގެ ވެސް ޗެކް ޕޮއިންޓު ބަލަހައްޓާ ގާޑުންގެ އަމުރަށް ކިޔަމަން ނުވުމުން ބާރުގެ ބޭނުންކުރާނެކަން ދައްކުވައިދިނެވެ. ނޫސްވެރިން އެތަނުން ދުރަށްލީ އެވަގުތު އެ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ތިބި "ފުލްކިޓު ޕޮލިސް"ގެ ގްރޫޕުންނެވެ. ހައްޔަރަށް ގެންދިއުމަށް މަސައްކަތްކުރި ނަމަވެސް، ނޫސްވެރިން ދޫކޮށްލީ އެމްއޭސީއެލުން ވޮލެންޓީއާ ނޫސްވެރިންނަށް ދިން ފާސް ދެއްކުމުންނެވެ.
ވީއައިއޭގެ ތެރެއިން ފެނިގެންދިޔައީ ސިއްހީ އިދާރަތަކަކީ ވެސް އިމަޖެންސީ ބޮޑު ހާދިސާއެއް ދިމާވާ ހިނދު އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ އިދާރާތަކެވެ. އެމްބިއުލާންސްތަކުގައި މީހުން ހުއްޓުމެއްނެތި ފަރުވާދިނުމަށް މާލެ އާއި ހުޅުމާލޭގެ ހޮސްޕިޓަލުތަކަށް ގެންދާ އަވަސް މަންޒަރުތައް ފެނިގެންދިޔައެވެ.
ވެއްޓުނު ކަމަށް ދައްކުވައިދިން ބޯޓުން ދަތުރުކުރި މީހުންގެ އާއިލާގެ މެންބަރުންގެ ދައުރު އަދާކުރި މީހުން އެއްވެފައި ތިބީ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީ އޮންނަ ވެއިޓިން އޭރިއާގައެވެ. އެއްބަޔަކު އެތަނުގެ ބޭރުގައި މުޒާހަރާކުރަމުންދިޔަ އިރު، އެތަނުގެ ތެރޭގައި އެމްއޭސީއެލުން މައުލޫމާތު ނަގާ ބަޔަކާއި ޑެކްސެއް ބަހައްޓާފައި ހުއްޓުވެ. އަޑުގަދަކޮށް އެ ސަރަހައްދުން ވެސް ދައްކުވައިދިނީ އެފަދަ ހާލަތެއްގައި ފެންނާނެ ފަދަ ހަގީގީ ކަންތައްތަކެވެ.
އާއިލާ މެންބަރުންގެ ދައުރު އަދާކުރަމުންދިޔަ މީހުން ޑިމާންޑު ކުރަމުންގެންދިޔައީ އެ މީހުންގެ އާއިލާތަކުގެ މައުލޫމާތު ހިއްސާ ކުރުމަށެވެ. އެ ވަގުތުގެ ހާލަތު ބުނެދިނުމަށެވެ. ގޮނޑިތަކުގެ މަތީގައެވެ. އަޑު ގަދަކޮށް، ތަކުރާރުކޮށެވެ.
"އަހަރެމެން ބޭނުންވަނީ މަރުވިޔަސް އަހަރެމެންގެ އާއިލާގެ ހަށިތައް ދެކެން. ބަލަން ބޭނުން، މައުލޫމާތު ފޮރުވަނީ ކީއްވެ؟، ހަގީގަތް ސިއްރުކުރަނީ ކީއްވެ؟ ދެ ގަޑިއިރުވީ ހަމަ އެއް ޖަވާބެއް، ބޯޓެއް ވެއްޓުނީ!" އެތަނުގައި ހުރި އާއިލާގެ މެންބަރަކު ބުންޏެވެ.
އެކަންކަމުގެ ތެރެއިން، އަމުރަށް ނުކިމަންތެރިވުމުން ހަތް މީހަކު އެއާޕޯޓު ފުލުހުންގެ ހައްޔަރަށް ގެންދިޔައެވެ. ވީއައިއޭ އިން ދިން ޔަގީންކަމަކީ އެފަދަ ދުވަހެއްގައި ވެސް އެންމެ އިސްކަމެއް ދޭނެ ކަމަކީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމެވެ.
އެެފެކްސްގެ ހަރަކާތުގައި އެމްއޭސީއެލްގެ މީޑިއާ ޓީމު
އެ ދުވަހު، އެ ހާލަތުގައި އެމްއޭސީއެލްގެ މީޑިއާއިން އަމަލުކުރާނެ ގޮތް ވެސް ދައްކައިދިނެވެ. އެ މަސައްކަތްތައް ދެއްކުމުގެ ގޮތުން، ނެރެން ޖެހޭ ނޫސްބަޔާން ނެރުނީ ހާދިސާ ހިނގިތާ އެއްގަޑިއިރު ފަހުންނެވެ.
އިމަޖެންސީ އެކްސަސައިޒެއްކަމަށްވުމުން އާންމު ނުކުރާ އެ ނޫސްބަޔާނުގައި ބުނީ، ވީއައީއޭއަށް ޖައްސަން އައި މާކަނާ އެއާލައިންސް 025 މަތިންދާބޯޓެއް އެ ދުވަހުގެ 16:03 ގައި އެއާޕޯޓުގެ އިރުމަތީ ފަރާތަށް ވެއްޓުނު ކަމަށާއި އެ މަތިންދާބޯޓުން 18 ފަޅުވެރީންނާއި 164 ފަސިންޖަރުން އަދި ދެ ކުޑަކުދީންނާއެކު ޖުމުލަ 182 ފަސިންޖަރުން ދަތުރުކުރި ކަމަށެވެ.
އޭގެ ފަހުން ފަހުން ނެރެނު ދެވަނަ ފޭކް ނޫސްބަޔާނުގައި އިތުރަށް އެ ހާދިސާ ތަފްސީލުކޮށްދިނެވެ. އެގޮތުން އެ ނޫސްބަޔާނުގައި ހިމަނާފައިވަނީ، ފުލައިޓު ވެއްޓުނު ސަރަހައްދާއި، މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދެވެ. އަދި މަރުވި މީހުންގެ ހަށިގަނޑު ގެންދިޔަ ހޮސްޕިޓަލު ވެސް އެ ބަޔާނުގައި ފާހަގަކުރެއެވެ.
އެ ބަޔާނާއެކު އާއިލާ މެންބަރުން ކަމަށް ދައްކުވައިދޭ މީހުން (އެއާޕޯޓުގެ އެކި އިދާރާތަކުގެ މުވައްޒަފުން) ދިޔައީ ކަންބޮޑުވުުން ފާޅުކުރަމުންނެވެ. އެ މީހުން ޑޮމެސްޓިކް ޓާމިނަލުގެ ވެއިޓިން އޭރިއާ ތެރޭގައި އެ މީހުންގެ އާއިލާ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް ތަކުރާރުކޮށް އެދެމުންދިޔައެވެ. ނަމަވެސް އެކަމަށް ލިބެމުންދިޔައީ ތަކުރާކޮށް އެއް ޖަވާބެކެވެ.
"އެއާޕޯޓުގެ ފަޔާފައިޓަރުން ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލަން ދީފައިވާ ތިން މިނެޓުގެ ތެރޭގައި އެކަން ކާމިޔާބު ކުރި. ބޭނުންވާ އޭންގަލްތަކުން ފޮޓޯ ނަގަންވެސް ފުރުސަތު ނުލިބުނު. ވަރަށް އަވަހަށް އަލިފާން ނިއްވާލި،" އެމްއޭސީއެލްގެ މީޑިއާ ޓީމުން އެރޭގެ ފޮޓޯތައް އެޑިޓްކުރަމުން ބުނާ އަޑު އިވެއެވެ.
މާނައަކީ އެއާޕޯޓުގެ ފަޔާފައިޓަރުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމެވެ.
ހާލަތުގެ ނޫސްވެރިންގެ ބައްދަލުވުން!
އެ ދުވަހުގެ ރޭގަނޑު 8:30 ގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ހެލްތު މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ޕޮލިސް، އަދި ވެއްޓުނު މާކަނާ އެއާލައިންސްގެ އިސްވެރިން ނޫސްތަކާ ބައްދަލުކުރާ މަންޒަރު ދައްކުވައިދެއެވެ.
އެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ނޫސްތަކަށް މައުލޫމާތުދިނުމުގައި ލަސްތަކެއް މެދުވެރިވީ ފުރިހަމަ ރަނގަޅު ތެދު މައުލޫމާތު ރައްޔިތުންނާ ހަމައަށް ނޫސްތައް މެދުވެރިކޮށް ގެނެސްދިނުމަށް ބޭނުންވާތީ ކަމަށެވެ. އަދި ޝަރީފް ވަނީ ފުރަތަމަ ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ވަކި ސަބަބެއް ނުބުނެ ކެންސަލްކޮށްލަން ޖެހުމުން މައާފަށްވެސް އެދިވަޑައިގެންފައެވެ.
"ވެއްޓުނު ބޯޓުގެ އާއިލާތަކަށް އަވަސް މައުލޫމާތު ފޯރުކޮށްނުދިނީ އެ އާއިލާތައް މާޔޫސްވެދާނެ ފަދަ ޖަވާބެއް ދެވިދާނެތީ. ދިރިހުރި މީހަކު މަރުވެއްޖެއޭވެސް ބުނެވިދާނެ. އޭރުން ވާނީ ދޮގު މައުލޫމާތަކަށް. އަނެއްކާ އެއް ހޮސްޕިޓަލަށް ގެންދާ މީހަކު، އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލަކަށް ގެންގޮސް ބުނަންޖެހިދާނެ އެ މީހާ މަރުވެއްޖެ ކަމަށްވެސް. އެހެންވެ ލަސްވިޔަސް ބޭނުންވީ، އާއިލާތަކަަށާއި ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދޭން. ނޫސްވެރިންގެ ބައްދަލުވުން ވަކި ސަބަބެއް ނުބުނެ ކެންސަލްކޮށް، ލަސްކޮށްލަން ޖެހުނީތީ ނޫސްތަކުގެ ކިބައިން މައާފަށް އެދެން." އެ ހާލަތުގައި ބޭއްވި ކަމަށް ދައްކުވައިދިން ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާލުވިއެވެ.
އެ ބައްދަލުވުމުގައި ޝަރީފް ފެނިވަޑައިގަތީ ވަރަށް މާޔޫސް، ނަމަވެސް ކެތްތެރި، ވެރިއެއްގެ ގޮތުގައެވެ. އެފަދަ ދަނޑިވަޅެއްގައި ވެރިއެެއްގެ ފަރާތުން ފެންނަންވާނެ ސާބިތުކަމެވެ. ނޫސްތަކުން ދިޔަ އެކި ޖާނަލިސްޓުންގެ ސުވާލުތަކަށް ޖަވާބުދެއްވީ ކެތްތެރިކަމާއެކުގައެވެ. މިއީ އެ ބައްދަލުވުމުގައި ބައިވެރިވި އިތުރު އިދާރާތައް ތަމްސީލުކުރާ ވެރިންގެ ފަރާތުންވެސް ފެނުނު މަންޒަރެވެ. ދައްކުވައިދިނީ އެފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭނެ ކަންކަމެވެ.
އެފެކްސްގައި ދައްކުވައިދިނީ ހުރިހާ އިދާރާތައް ވެސް ތައްޔާރުކަން
އެފެކްސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. މިއަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވިއެވެ.
އެފެކްސްގައި ދައްކުވައިދީފައިވަނީ އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރަން ޖެހޭނެ ގޮތާއި، ނަތީޖާ ހާސިލުކުރުމަށް ތައްޔާރީ ހާލަތުގައި ތިބިމުގެ މުހިންމުކެމެވެ. އަދި އިމަޖެންސީ ހާލަތެއްގައި އެންމެ ފުރަތަމަ މަސައްކަތަކަށް ވާން ޖެހެނީ މީހުންގެ ފުރާނަ ސަލާމަތްކުރުންކަން ދައްކުވައިދިނެވެ.
ފަޔާ ފައިޓަރުން ފެށިގެން އެމްއޭސީއެލްގެ ހުރިހާ ޑިޕާޓްމަންޓުތަކާއި ސިއްހީ ދާއިރާ ހިމެނޭހެން ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން ކުރަންޖެހޭ އެތައް މަސައްކަތްތަކެއް ހުރިކަން ދައްކުވައިދިނެވެ. އަދި ގުޅިގެން އެންމެ ރަނގަޅު ނަތީޖާ ނެރުމާއި، އާއިލާތަކަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން ފެނިގެންދިޔައެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް