އެޕަލް އިވެންޓް 2025ގައި އެކުންފުނީގެ އާ އައިފޯނާއެކު އާ ޕްރޮޑަކްޓްތައް ދައްކާލައިފިއެވެ.

އެޕަލް އިން ރޭ ދައްކާލި އާ އުފެއްދުން ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އާ އައިފޯނުގެ އިތުރުން އެންމެ ފަހުގެ އެޕަލް ވޮޗާއި އެއާޕޮޑެވެ.

އެޕަލްގެ އާ ފޯނު، އައިފޯން 17 އަކީ އެ ކުންފުނިން އުފެއްދި އެންމެ ބާރުގަދަ ފޯނެވެ. އާ ޗިޕެއް އެކުލެވޭ އެފޯނުގެ ބެޓެރިއަކީ މިހާތަނަށް އެޕަލްގެ ފޯނެއްގައި ހިމެނި އެންމެ ބޮޑު ބެެޓެރިއެވެ.

ފަސް ކުލައެއްގެ އައިފޯން 17 ދައްކާލިއިރު އޭގެތެރޭގައި ހިމެނެނީ ލެވެންޑާއާއި މިސްޓް ބްލޫގެ އިތުރުން ކަޅާއި ހުދު އަދި ސޭޖް އެވެ.

އައިފޯން 17ގެ ކެމެރާ އަކީވެސް ފާހަގަކޮށްލެވޭ ކެމެރާއެކެވެ. އައިފޯން 16 އަށްވުރެ ހަތަރު ގުނަ ރިސޮލިއުޝަން މަތިވާނެ ކަމަށް އެޕަލް އިން ބުނެއެވެ.

އެޕަލް އިން ވަނީ އައިފޯން 17ގެ އިތުރުން 17 ޕްރޯވެސް ދައްކާލައިފައެވެ.

އައިފޯން 17 ގެ އިތުރުން އެޕަލް އިން ވަނީ އައިފޯނުގެ މިހާތަނަށް ނެރުނު އެންމެ ފަތި ފޯނު ވެސް ދައްކާލާފައެވެ. އައިފޯން އެއާގެ ނަމުގައި އެޕަލް އިން ދައްކާލި އެފޯނަކީ 5.6 މިލިމީޓަރު ބޯމިން ހުންނަވަރުގެ ފޯނެކެވެ. އެޕަލްއިން ވަނީ އައިފޯން އެއާގެ ހަތަރު ކުލައެއް ބާޒާރަށް ނެރުމަށް ނިންމައިފައެވެ.

އެޕަލް އިވެންޓުގައި ރޭ ދެން ދައްކާލި އެންމެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓަކީ އެއާޕޯޑް ޕޮރޯ3 އެެވެ. އެޕަލްގެ އެއާޕޮޑް 3ގައި ހިތުގެ ވިންދު ބަލައިލެވޭނެ ޓެކްނޮލޮޖީ ހިމަނާފައިވެއެވެ. ކަސްރަތު ކުރަމުންދާއިރު ކެލޮރީ އަނދަމުންދާވަރުވެސް ބުނެދޭނެ ކަމަށް އެޕަލް އިން ބުނެއެވެ. މީގެ އިތުރުން އެއާޕޮޑް ޕްރޯގައި ވަގުތުން ޓްރާންސްލޭޓް ކުރެވޭ ޓެކްނޮލޮޖީވެސް އެޕަލް އިން ވަނީ ހިމަނައިފައެވެ.

ރޭގެ އިވެންޓުގައި އެޕަލް އިން ވަނީ އެޕަލް ވޮޗްގެ ތިން ވޮޗެއް ދައްކާލާފައެވެ. އެގޮތުން އެޕަލް ވޮޗް ސީރީސް 11 އާއި އެޕަލްވޮޗް އަލްޓްރާ 3 ގެ އިތުރުން އެޕަލް ވޮޗް އެސްއީ3 ދައްކާލިއެވެެ.

އެޕަލް ވޮޗް ސީރީސް 11 ގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ އަޅައިގެން ހުންނައިރު ލޭގެ ޕްރެޝަރު މޮނިޓާ ކުރެވުމެވެ. އެގޮތުން ޕްރެޝަރު މައްޗަށް ދާނަމަ އެޕަލް ވޮޗް އިން އެލާޓް ކުރާނެއެވެ. މީގެ އިތުރުން ސްލީޕް ސްކޯ ފީޗަރ ވެސް ހިމެނޭނެ ކަމަށް އެޕަލް އިން ބުނެއެވެ.

އެޕަލްވޮޗް އަލްޓްރާ 3 ގައި ފާހަގޮކޮށްލެވެނީ އޭގައި ކުރިޔަށްވުރެ ބޮޑު ސްކްރީނެއް ހިމެނުމުގެ އިތުރުން ސެޓަލައިޓް ކަނެކްޓިވިޓީއެވެ. އަދި ފައިންޑް މައި އަށް އިތުރު ފުރިހަމަކަމެއް ގެނެސްފައިވާނެކަމަށްވެސް އެޕަލް އިން ބުނެއެވެ. މިފަހަރު ނެރޭ އެޕަލްވޮޗް އަލްޓްރާ 3ގައި 42 ގަޑިއިރު ހިފަހައްޓާލެވޭ ބެޓަރީއެއް ހިމެނޭނެއެވެ.

އެޕަލް ވޮޗް އެސްއީ3 ގައި އާ ޗިޕެއް ހިމެނިފައިވާއިރު އެވޮޗްގައި ސިއްހަތާ ގުޅޭ އާ ކަންތައްތަކެއް ވެސް ހިމެނޭކަމަށް އެޕަލް އިން ބުނެއެވެ.

އެޕަލް އިން ވަނީ އަލަށް ދައްކާލި ޕްރޮޑަކްޑްތައް މިމަހުގެ ފަހުކޮޅު ބާޒާރަށް ނެރޭނެ ކަމަށް ފާހަގަކޮށްފައެވެ.