ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލުތަކަށް ޑޮމެސްޓިކް ރޭޓުން ބިލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ބަދަލު ގެންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލުތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ނިންމެވުމާ ގުޅިގެން ކައުންސިލުތަކަށް މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދުކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ ކަމަށެވެ.

ރައީސް ވަނީ ދާދި ފަހުން އަންނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީތަކަށް ދެމުން އަންނަ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ނިންމަވައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުސޫލު މުރާޖައާކުރެއްވުމަށް ވެސް ނިންމަވައިފައެވެ.