މި އަހަރުގެ މިހާތަނަށް ރާއްޖޭ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,520,699 ފަތުރުވެރިން އައިސްފައެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ޓޫރިސްޓުންނާ އަޅައި ބަލާއިރު، 9.7 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައީ 1،386،554 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހު އެވްރެެޖުކޮށް 6،000 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަދިވެސް އައިސްފައިވަނީ ޗައިނާއިންނެވެ. ދެ ވަނައަށް ރަޝިއާއިން އައި އިރު ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ

ރާއްޖެއަށް އައި ފަތުރުވެރިންގެ 67 ޕަސަންޓު އައީ ރިސޯޓުތަކަށެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ގެސްޓްހައުސްތަކަށެވެ. އެއީ 24 ޕަސެންޓެވެ. ސަފާރީތަކަށް 5 ޕަސަންޓު ފަތުރުވެރިން އައި އިރު، ހޮޓެލް ތަކަށް އަދީ އެންމެ 4 ޕަސަންޓު ފަތުރުވެރިންނެވެ.

ރާއްޖޭގައި މި ވަގުތު 64،138 އެނދު ޓޫރިޒަމްގެ ބޭނުމަށް ބޭނުން ކުރަމުން އާދެއެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން އައި ފުރަތަމަ އަހަރެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.